ޚަބަރު
އަލުން ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށައިފި
އިލެކްޝަންސް ކޮމިޝަނުން އިންތިހާބެެއްގައި މަސައްކަތް ކުރަނީ - ފައިލް ފޮޓޯ
ރޭ ހިނގި އަަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން މެދުކަނޑާލުމަށް ފަހު އަލުން ލިސްޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، އެ ސަރަހައްދުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިފަ އެވެ. އެއާއެކު، މައި މަރުކަޒުގައި ކުރަމުން ދިޔަ ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަގުތީގޮތުން މެދުކަނޑާލި އެވެ.

އިންތިހާބީ މަރުކަޒުގައި ހުރި ހުރިހާ ތަކެއްޗެއް ސޯޝަލް ސެންޓަރަށް ބަދަލުކޮށް، އެ މަރުކަޒުގެ މަސައްކަތްތައް މިއަދު ވަނީ ފަށައިފަ އެވެ.

އީސީން ބުނީ، އިންތިހާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތު ވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާ ކަމަށެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު މީޑިއާތަކަށް ވިދާޅުވީ އިންތިހާބަށް އެ ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ.

އެގޮތުން، އިންތިހާބަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސާމާނު ނެރެވިފައިވާ ކަމަށް ޒާހިދު ވިދާޅުވި އެވެ.

"އެހެންވެ، އިންތިހާބުގެ އެއްވެސް ކަމަކަށް އެއްވެސް ބުރޫއެއް ނާރައި، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު