ޚަބަރު
ސަސްޕެންޝަނަށްފަހު ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި މަސައްކަތަށް ނިކުމެއްޖެ
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޝަނަށްފަހު އަނބުރާ މަސްއޫލިއްޔަތުތަކާ ހަވާލުވުން
ހޯރަފުށީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑުކުރި އެ ރަށު ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު ސަސްޕެންޝަނަށްފަހު އެނބުރި މަސައްކަތަށް މިއަދު ނިކުމެއްޖެ އެވެ.

ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ވަހީދު އަނބުރާ ކައުންސިލަށް ނިކުތުމުން އޭނާއަށް އެތަނުގެ މުވައްޒަފުން ވަނީ މިއަދު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

08 ޑިސެމްބަރު 2025، ގައި ތިން މަސް ދުވަހަށް ސައުދު މަގާމުން ސަސްޕެންޑުކުރީ ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާކަން އެލްޖީއޭ އަށް ފާހަގަކުރެވިގެން ނެވެ.

ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން ބެލި މައްސަލަތައް:

1- ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ހަރަދު ކޮށްފައިވުން.

2- ރަށުގެ ގޯތިތަކާ އިންވެގެން އޮންނަ ހުސް ބިންތައް ލޭންޑް ޔޫޒްޑް ޕްލޭނާ ހިލާފަށް އެ ގޯތިތަކަށް އިތުރު ކޮށްދިނުން.

3- މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ގައި ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ.

4- މި އަހަރުގެ އަޟްހާ އީދު ކުޅިވަރާއި ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލުން ހަރަދު ކުރުން.

5- ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ.

6- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ކައުންސިލުން ނުދިނުން.

7- މި އަހަރުގެ އަޟްހާ އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރި ކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓް ކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާ ކަމާއި އަދި އެ ތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.

8- ހޯކްސް އަށް 5،000 އަކަފޫޓުގެ ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލަ.

ހޯރަފުށި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއް އެ 8 މައްސަލާގައި ހިމެނޭ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލައަކާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭ އިން ކުރިން ނިންމި އެވެ. ނަމަވެސް މިކަމާއި ގުޅިގެން ދައުލަތުގެ އިދާރާ އަކަށް އަދި އެއް ވެސް މައްސަލައެއް ހުށައެޅިކަން އިނގޭކަށް ނެތެވެ. 

ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު ހިމެނޭ ގޮތަށް އެ ހުރިހާ ކައުންސިލަރުން ވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު