ޚަބަރު
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ނުކުރައްވާކަން މައުމޫނު ހާމަ ކުރައްވައިފި
އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެފައިވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދު ނުކުރައްވާކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހާމަ ކުރައްވައިފި އެވެ.

މިކަން ރައީސް މައުމޫން ހާމަކުރެއްވީ މިހާރު އުވާލާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެކްސްކޯ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރަކު ކުރެއްވި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބުގަ އެވެ.

އެމްއާރުއެމްގައި އިސްކޮށް އުޅުއްވި އަދި މައުމޫންގެ އަރިސް ބޭފުޅަކު މިއަދު ވަނީ އެ ސްކްރީންޝޮޓްގެ ސައްހަކަން ކަށަވަރުކޮށްދީފަ އެެވެ.  

ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ހިޔާލު ފާޅުކުރަމުންދާއިރު، ރައީސް މައުމޫން ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވައިފައިނުވެއެވެ.

ނަމަވެސް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެ އިންތިހާބު އެކުގައި ބޭއްވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމަވައިފަ އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު