އެމްޑީޕީ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުން ވެސް ދޫކޮށްލައިފި
އިބްރާހިމް އިމާދު
19 އޭޕްރީލް 2026 - 11:57
0 comments
ރޭގެ މުޒާހަރާއިން ހައްޔަރުކުރި މައިމޫންއަށް ލިބުނު އަނިިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމްގައި
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި އަބްދުالله ރަޝީދު (ވާވާ) ބަންދުން ދޫކޮށްލައިފި އެވެ.
ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުالله ރަޝީދު (ވާވާ) އާއި އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދު އެވެ. އޭގެ ތެރެއިން ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ ވާވާ އެވެ. އޭނާ ބަންދުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.އަދި މިއަދުގެ ވަގުތެއްގައި މައިމޫން މުހައްމަދަށް ވެސް ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. މައިމޫންއަށް ކޯޓުން ކުރީ ހަތަރު ޝަރުތެކެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، ރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ އެމީހުންނަށް ލިބިފައިވެ އެވެ. އެގޮތުން، މައިމޫންގެ ބޮލަށާއި ހަށިގަނޑަށް އަނިޔާވެފައިވެ އެވެ. އެ އަނިޔާތަކަށް ރޭ ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ވެސް ދީފަ އެވެ.އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރުން ވެސް ގުޅުނެވެ. އެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ވެސް ފުލުހުން ރޭ ހުރަސްއެޅި އެވެ.އެމްޑީޕީން އޮތީ ސަރުކާރަށް 12 ޑިމާންޑެއްކޮށްފަ އެވެ. ނަމަވެސް އެ ޑިމާންޑުތަކަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު