ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ފުޅާކޮށް އަވަސްކުރަން އަންގައިފި
ހުނައިދާ ޔާސިރު
19 އޭޕްރީލް 2026 - 16:16
0 comments
ޖަރުމަނުގެގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެއްވުމަށްފަހު، ރައީސް ނަޝީދު ބާލީންގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް އެ މައްސަލަ އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ފުލުހުންނަށް އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އައްބާސް ޝަރީފް ވަނީ އެ މައްސަލަ އަވަސްކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއަކުން އަންގަވައިފަ އެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަށް ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.ނަޝީދު އަވަހާރަކޮށްލުމަށް 2021 ގެ މެއި ހަ ވަނަ ދުވަހުގެރޭ ދިން ހަމަލައާ ގުޅިގެން ދައުވާކޮށްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. އެ މީހުންގެ މައްސަލަތައް އޮތީ ކޯޓުގަ އެވެ.ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭގެ އިތުރުން ޖަރުމަންވިލާތުންނާއި އިނގިރޭސިވިލާތުން ވެސް ނަޝީދު ވަނީ ފަރުވާ ހޯއްދަވައިފައެވެ.
ކިޔުންތެރިންގެ ޝުއޫރު