ކުރީގެ ރައީސް ނަޝީދު ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ.
އެހެން ކަމަކާއި ދެން ވިސްނާނީ ވެސް މި ވެރިކަން ބަދަލުކުރުމަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިހާރު އެ މަނިކުފާނު ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިން އަށް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޮނިހިރު ދުވަހު ބައެއް އާއްމުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނާގައި ކުރިން ހުންނެވި ވަޒީފާ ދޫކުރައްވާފައި ރާއްޖެ ވަޑައިގަންނަވަން ޖެހުނީ އެ މަނިކުފާނާއި އެ މަނިކުފާނުގެ ދަރިންގެ ގައުމަށް މި ގައުމު ވާއިރު ގައުމުގެ ކަންކަން ނުރަނގަޅުކޮށް ހިނގާތީ ކަަމަށެވެ."ވެރިކަން ބަދަލުވަންދެން ހަމަގައިމު ވެސް އަޅުގަނޑު ހުންނާނަން. ވެރިކަން ބަދަލުކޮށްފައި އަޅުގަނޑު އެހެން ކަމަކާ ވިސްނާނީ ވެސް،" ނަޝީދު ވިދާޅުވި އެވެ.މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ލާބައަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ތުހުމަތުކުރައްވަމުން، ނަޝީދު ވިދާޅުވީ ގައުމުގެ ހާލަތު އިސްލާހުކޮށް، ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ވަރުގަދަ ސިޔާސީ ބާރަކީ އެމްޑީޕީ ކަމަށެވެ. އެހެންކަމުން މި ވެރިކަން ބަދަލުކުރުމަށްޓަކައި އެކި މަންސަތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު މިހާތަނަށް ހުންނެވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމު ފުރުއްވަމުން ގެންދެވިއިރު ނަޝީދު ދިރިއުޅުއްވަމުން ގެންދެވީ ގާނާގައި ކަމަށްވާއިރު، އެ މަގާމު ފުރުއްވުމަށް ސިޔާސީ ކަންކަމާއި ވެސް ނަޝީދު ދުރަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނަޝީދު ވަނީ އަލުން ސިޔާސީ ކަންކަމަށް ނިކުންނަވާފަ އެވެ.އެމްޑީޕީގެ ޗެއާޕާސަން ހޮވަން އަންނަ ޖޫން 12 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ނަޝީދާ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.