ޚަބަރު
ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތް މާހައުލެއް އޮންނަންޖެހޭ: ފައިސަލް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ސިޔާސީ ހަރަކާތްތައް ހިންގުމުގައާއި ހިޔާލުފާޅުކުރުމުގައި ބިރުވެރިކަމެއް ނެތް، ރައްކާތެރި މާހައުލެއް ކަށަވަރުވެފައި އޮންނަންވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިހާރު ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ މަގުމަތީ ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި ހަރަކާތުގައި އާޒިމް ބައިވެރިވެވަޑައިގަތެވެ. ވަގުތުން ދުރަށް ދައްކަމުންދިޔަ އެ އެއްވުމުގައި އާޒިމަށް މީހަކު ހަމަލާދެނީ، ހަރަކާތުގެ ބައިވެރިންނާ އެކު ކުރީ ސަފުގައި އާޒިމް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.

ކުރިމަތިން ހިނގާފައި އައި މީހަކު އާޒިމްގެ މޭމަތީ އަތްއަޅާ ކޮއްޕާލާތަން ފެނެ އެވެ. އެއާ އެކު އާޒިމް އަރިހުގައި ތިބި މީހުންގެ ތެރެއިން ބަޔަކު، އެ މީހާއަށް ރައްދުގައި ހަމަލާދޭތަން ވެސް ފެނެ އެވެ. އެ ހަމަލާއަށް ފަހު އާޒިމް ވަނީ ރޭ އޭޑީކޭ ހޮސްޕިޓަލަށް ވެސް ވަޑައިގެންފަ އެވެ.

އާޒިމް ތުހުމަތުކުރައްވަނީ އެއީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ރަައީސް އޮފީހުން ނެރުނު ބަޔާނެއްގައއި ބުނީ، އާޒިމަށް ހަމަލާދިން ވީޑިއޯ ރައީސް މުއިއްޒަށް ފެނިވަޑައިގެންނެވި ކަމަށާއި އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރެއްވި ކަމަށެވެ. 

"ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަން ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

މާލޭގެ މޭޔަރަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުވެފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި، ސިޔާސީ މަސައްކަތުގައި އުޅުއްވާއިރު ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.  

މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ވިދާޅުވީ، މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގެ ތެރެއިން، އެ ބޭފުޅާގެ ހަށިކޮޅަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތި، ރައްކާތެރި މާހައުލެއް އޮންނަންވާނެ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ، ރައްކާތެރިކަމާއި ހަމަހަމަކަމާއެކު ލިބިދޭންޖެހޭ އަސާސީ ހައްގެއްކަންވެސް ފައިސަލް ހަނދާންކޮށްދެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު