ޚަބަރު
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން: ފައިސަލް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ވެރިކަމުގެ އިތުރު ދައުރެއް ހޯދުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އަކީ އެ ވަގުތަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު މީހަކު ބޭނުންވެވަޑައިގަތުމުން ބޭނުންވާ ގޮތަކަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.

"އިތުރު ދައުރެއް ހޯދުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ގާނޫނުއަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްޤު ކަށަވަރުކޮށްދޭ އެއްޗެއް،" އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ފައިސަލް ވިދާޅުވި އެވެ. "އެއީ ރަމްޒީ އެއްޗެއް ނޫން."

އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުވާން ޖެހޭނީ، ވޯޓް ދޭ މީހުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

"ގާނޫނުއަސާސީއަށް ގެންނަން އުޅޭކަމަށް މިހާރު މި އަޑު އިވޭ ބަދަލަކީ، ގާނޫނުއަސާސީގެ މުޅި ރޫޙާއި، ދިމިގުރާތީ އުސޫލުތަކާ މުޅިން ހިލާފު ބަދަލެއް،" ފައިސަލް ވިދާޅުވި އެވެ. "އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ނުވާނެ."

އިތުރަށް ފައިސަލް ވިދާޅުވީ، ރައީސް ކަމުގެ މަގާމަށް މީހަކު އިންތިޚާބު ވާން ޖެހޭނީ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތުން ކަމަށެވެ. މިހާރު ގާނޫނުއަސާސީއަށް ގެންނަން އުޅޭ ކަމަށް 'އަޑު އިވޭ' ބަދަލަކީ ގާނޫނު އަސާސީގެ މުޅި ރޫހާއި ދިމިގުރާތީ އުސޫލުތަކާ މުޅިން ޚިލާފު ބަދަލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި، އެ ނިންމުމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިންމުމަކަށް ނުވާނެ ކަމަށް ފައިސަލް ދެކިވަޑައިގަންނަވައެވެ.

ފައިސަލް އަކީ ގާނޫނު އަސަސީ އެކުލަވައިލި މަޖިލީހުގެ މެމްބަރެކެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.

"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު