ޚަބަރު
އައިޝާ ޑޮކިއުމަންޓްރީ: ކޯޓު އަމުރާ އެކު އީސީގެ އެންގުމެއް ޕާޓީތަކަށް!
ކެމްޕެއިން ދުވަސްވަރު މާލޭގެ މަގެއްގައި ބެނާތައް ހަރުކޮށްފަ - ފޮޓޯ: މިހާރު
"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ އެކު އިލެކްޝަން ކޮމިޝަން (އީސީ) އިން ޕާޓީތަކަށް އެންގުމެއް އަންގައިފި އެވެ. 

އެ ކޮމިޝަނުން އެންގީ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ އެއްގޮތަށް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށެވެ. 

ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން އެންގި އެންގުމުގައި ވަނީ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގަން ދަންނަވާ ކަމަށެވެ. 

މިމައްސަލަައިގައި އަދަދު ނޫހުގެ އެޑިޓަރު އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި، އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އުފުލާފަައިވަނީ ޤަޛުފުގެ ކުށުގެ ދައުވާ އެވެ.

ޕީޖީން ވަނީ ދައުވާކުރުމާއި އެކު ވަކި ގޮތަކަށް އަމަލުނުކުރުމުގެ އަމަރުކަށްވެސް އެދިފަ އެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު އެވެ.

ދައުވާ ކުރުމަށް އެދި ހުށަހެޅިއިރު، ވަކި މައްސަލައިގެ ޝަރީޢަތް ހިންގަމުންދާ މުއްދަތުގައި ކޯޓުން ވަކި ގޮތެއް އަންގަންދެން ވަކި ގޮތަކަށް އަމަލު ނުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ. މި އަމުރަށް އެދިފައިވަނީ ސުޕްރީމްކޯޓުގައި މީގެ ކުރިން ހިނގާފައިވާ ދެ މައްސަލައެއްގައި މިފަދަ އަމުރެއް ނެރެފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.

މި މައްސަލައިގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުުން ވެސް ހިޔާރުކުރީ ހަނު ތިބުމަށެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު