ދުނިޔެ
އީރާނުން ދުވަހަކުވެސް ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ: އީރާނުގެ ރައީސް
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ނިއުކްލިއާ އޯގަނައިޒޭޝަނަށް ޒިޔާރަތްކުރައްވަނީ.
އީރާނުން ދުވަހަކުވެސް ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު އިއުލާނުކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހަކަށް އައިސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ މި ކަނޑުއޮޅީގައި، ފެބްރުއަރީ މަހުން ފެށިގެން އީރާނުން ވަނީ އެ ގައުމުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކުގެ ދަތުރުފަތުރު ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ނިޔަލަށް އީރާނުގެ ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖަވާބު ލަސްވަމުން ދިޔަ ވަރަކަށް، ގަލްފް ސަރަހައްދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. 

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު އެކްސްގައި ވިދާޅުވީ، އީރާނުން ދުވަހަކުވެސް ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި، މަޝްވަރާ ނުވަތަ ވާހަކަދެއްކުމުގެ މާނައަކީ ބަލި ގަބޫލުކުރުން ނުވަތަ ފަހަތަށް ޖެހުން ނޫން ކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެމެރިކާއިން ސިޔާސީ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ހައްލެއް މޭޒުމަތީގައި އޮންނަ ކޮންމެ ފަހަރަކު، އެމެރިކާއިން އިސްކަންދެނީ ނުރައްކާތެރި އަސްކަރީ ހަރަކާތްތައް ހިންގުމަށެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އީރާންގެ އިންގިލާބީ ލަޝްކަރުން ވަނީ ސުލްހަ ގާއިމުވުމާއި ނުވުމުގެ ޒިންމާ މިހާރު ނަގަންޖެހޭނީ ޓްރަމްޕު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. ސިފައިން ބުނީ ޓްރަމްޕަށް އޮތީ އީރާނ އެކު "މުސްތަހީލު އޮޕަރޭޝަނެއް" ނުވަތަ "ރަނގަޅު ނޫން އެއްބަސްވުމެއް" ގާއިމުކުރުމުގެ އިހްތިޔާރު އެކަނި ކަމަށެވެ. 

"އެމެރިކާއަށް ގޮތް ނިންމުމުގެ ޖާގަ މިހާރު ވަނީ ހަނިވެފައި،" އެ ބަޔާނުގައިވެ އެވެ.

އިއްޔެ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބާބާދީ ތެހެރާނުގައި ތިއްބެވި ޑިޕްލޮމެޓުންނާ މުހާތަބުކުރައްވަމާ ވިދާޅުވީ، "ޑިޕްލޮމަސީގެ މަގު އިޚްތިޔާރުކުރުން ނުވަތަ ކުރިމަތިލުމުގެ މަގުން ކުރިއަށް ދިއުން އޮތީ އެމެރިކާގެ އަތްމަތީގައި" ކަމަށެވެ.

އޭނާ ވިދާޅުވީ އީރާނުން މި ދެ މަގަށްވެސް އޮތީ ތައްޔާރަށް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު