ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ޝަހުޒާން - ފޮޓޯ: ރައީސް އޮފީސް
"އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން އަމުރުކޮށްފައި ވަނިކޮށް، ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއާ ގުޅޭ ސުވާލެއް "އަދަދު"ން ކުރުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން މިއަދު ނެރެފި އެވެ.
ޝަހްޒާންގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ނޫސްވެރިޔާ ވަނީ އެ މައްސަލައިގައި ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ ނޫސްވެރިޔަކަށް އެތަނުގައި ނުހުންނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.އެއާ އެކު ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހާޒްން ނޫސްވެރިންގެ ބައްދަލުވުން އޮތް ތަނުން ބޭރުކޮށްފަ އެވެ. ޝަހްޒާނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސެވެ.މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން: - "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.