ވިދާލި ވަގުތެއްގައި ހުޅުމާލެއިން މީހަކު މިފަހުން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ސުވައިދު
ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ގަދަވެފައިވާތީ އެވެ.
އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މުޅި ދުވަހުގެ މޫސުމަށް ބަލާއިރު، އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.