ތައިލެންޑަށް އެތެރެވުމުގައި އަމަލުކުރަމުން އައި ވިސާގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވިސާއާ ނުލައި އެ ގައުމުގައި ދިވެހީންނަށް ތިބެވޭ މުއްދަތު ކުޑަކޮށްފިއެވެ.
ތައިލެންޑުން ދިވެހިންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭގޮތަށް ހަމަޖެއްސީ 2024 ވަނަ އަހަރު އެވެ.
ތައިލެންޑް ސަރުކާރާ ހަވާލާދީ ބެންކޮކް ޕޯސްޓް ނޫހުން ބުނީ އެ ގައުމުން ވިސާ އެގްޒެމްޕްޝަން އާއި އޮންއެރައިވަލް ވިސާ ދޫކުރާ އުސޫލު ބަދަލުކޮށް އަދި 93 ގައުމަކަށް ދެމުންދާ ވިސާ ލުއިތައް ރިވިއުކޮށް، ބަދަލުތައް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ.
އެ ނޫހުން ބުނި ގޮތުގައި ވިސާއާ ބެހޭ އާ އުސޫލުގެ ދަށުން ދިވެހިންނަށާއި ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވިސާ ލިބޭނީ 15 ދުވަހަށެވެ.މި ބަދަލާއެކު ދިވެހިންނަށް ކުރިމަތިވާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:- ފަނަރަ ދުވަހަށްވުރެ ދިގު މުއްދަތަކަށް މަޑުކުރާނަމަ ކުރިއާލައި ވިސާއަށް އެދެން ޖެހުން.
- ވިސާގެ ކަންކަމަށް ހޭދަވާ ފައިސާ އިތުރުވެ، ދަތުރުގެ ޖުމްލަ ހަރަދު ބޮޑުވުން.
- އެޕްލިކޭޝަނަށް ފީއެއްގެ ގޮތުގައި 1,000 ތައި ބާތު (30 ޔޫއެސް ޑޮލަރު) ދައްކަން ޖެހޭނެ.
- ކުއްލި ހާލަތްތަކުގައި ދަތުރުކުރުމަށް އޮންނަ ފަސޭހަކަން ކުޑަވުމާއި، ދަތުރު ރޭވުމަށް ގިނަ ވަގުތު ހޭދަވުން.
ގިނަ ދިވެހިންނަކީ ވިޔަފާރި މުދާ ގަތުމަށާއި، އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ތައިލެންޑުގައި މަޑުކުރާ ބަޔަކަށް ވާއިރު، މި އާ އުސޫލުގެ ދަށުން އެފަދަ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ.އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، މިހާރު ތައިލެންޑުގައި ތިބި ފަތުރުވެރިންނަށް، އެ މީހުންނަށް ލިބިފައިވާ މުއްދަތު ހަމަވަންދެން އެ ގައުމުގައި މަޑުކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.ނަމަވެސް، އާ ނިޒާމަށް އަމަލުކުރަން ފެށުމަށްފަހު، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޖެހޭނީ ތައިލެންޑުގެ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް ކުރިއާލައި ވިސާ ހޯދާށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ވިސާއަށް އެދޭއިރު، ދަތުރުކުރާ ބޭނުމާއި، ހުންނާނެ ތަނާއި، އަދި އެނބުރި އަންނާނެ ޓިކެޓު ފަދަ މައުލޫމާތުތައް ފުރިހަމައަށް ހުށަހަޅަން ޖެހޭނެއެވެ.އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ތައިލެންޑަށް ދަތުރުކުރަން ރާވާ ފަރާތްތަކުން، ދަތުރުގެ މުއްދަތަށް ބަލައި، ބޭނުންވާ ވިސާގެ ކަންކަން ދުރާލައި ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެކެވެ.ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ލުއި ވިސާގެ ބޭނުން ނުބައި ގޮތުގައި ހިފައި، ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ އަމާޒަކީ ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަމައެކަނި ޓޫރިސްޓުންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، 'ކޮލިޓީ' ފަތުރުވެރިންނަށް އިސްކަން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ތައިލެންޑަށް ވަންނަ އުސޫލު ވެސް އާ ގަވާއިދުގެ ދަށުން ވަނީ ބަދަލުކޮށް، އަހަރަކު ގިނަވެގެން 2 ފަހަރަށް ވަނީ ލިމިޓްކޮށްފަ އެވެ.