ބެންކޮކްގެ ބާއެއްގައި ރޯވެ 27 މީހުން މަރުވެއްޖެ
އިސްމާއިލް ރިޒާ
13 ޖުލައި 2026 - 10:15
0 comments
ބެންކޮކްގެ ބާއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ - ފޮޓޯ: އޭއެފްޕީ
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަގުބޫލު ބާއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، އިތުރު 63 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެއްޖެ އެވެ.
ސަލާމަތީ ބާރުތަކުން ބުނިގޮތުގައި ނާ ލަޑްޕްރާއޯ ނަމަކަށް ކިޔާ އެ ޕަބްގައި އަލިފާނުގެ ހާދިސާ ހިނގި ކަމަށް ރިޕޯޓުކޮށްފައި ވަނީ 23:30ހާއިރެވެ.އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ބައިގަޑިއިރުން ކަމަށާއި، އޭގެ ފަހުން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އަނދާފައިވާ މޭޒުތަކާއި ގޮނޑިތަކާއި، ޕަބްގެ އެތެރެ ހަލާކުވެފައިވާ މަންޒަރު ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މެންދަމުން އަލިވުމާ ގާތްވެފައި ވަނިކޮށް، ބެންކޮކްގެ ޗަޓުޗަކް ސަރަހައްދުގައި ހުންނަ 'ރޮން ބީރު ނާ ލެޓް ޕްރާއޯ' ބާގަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.ހާދިސާއިން ސަލާމަތްވި މީހުން ކިޔައިދިން ގޮތުގައި، އަލިފާން ރޯވުމާ އެކު މުޅި އެތަން ބޯ ދުމުން ފުރިގެންދިޔަ އެވެ. މީގެ ސަބަބުން އެތަނުގައި ތިބި ގިނަ ބަޔަކަށް މަޖުބޫރުވީ ފާހާނާތަކަށް ވަދެ ނުވަތަ އެތަނުގެ ފަހަތު ކޮޅަށް ދިއުމަށެވެ.ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވެސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެތަނުގައި ތިބި މިއުޒީޝަނުން ވަނީ ސްޓޭޖް ކައިރީގައި ހުރި ސާކިޓް ބްރޭކަރަކުން ދުން އެރުމަށް ފަހު، ކަރަންޓު ކެނޑި، އެއަށްފަހު ގޮވުމެއްގެ އަޑާ އެކު ރޯވީ ކަމަށް ބުނެފަ އެވެ.ބެންކޮކްގެ ގަވަރުނަރު ޗާޓް ސިއްތިޕުންތު ވިދާޅުވީ، އެ ބާއަކީ ބޭނުންވާ ހުއްދަތަކާއި އަލިފާނުން ސަލާމަތްވާން ނުކުންނާނެ ދޮރުތައް ހުރި ތަނެއް ނަމަވެސް، އަލިފާންގަނޑު ފެތުރިގެންދިޔައީ ވަރަށް ހަލުވިކަމާ އެކު ކަމަށެވެ.ފުލުހުން މިހާރު ދަނީ އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު