ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް އިއްޔެ އިން ފެށިގެން ބަދަލުތަކެއް ގެނެސްފި އެވެ.
އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާ އާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑުތަކެއްގެ ދަށުން ތަރުތީބު ކޮށްފަ އެވެ.
އެ އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
• އޮފީސް އޮފް ދަ ކޮމިޝަނާ
• ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
• ޕްރޮފެޝަނަލް ސްޓެންޑާޑްސް
• ނޭޝަނަލް އިންޓެލިޖެންސް ސާވިސް
• އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
• ފޮރެންސިކް ސާވިސަސް
• ސެންޓްރަލް އިންވެސްޓިގޭޝަންސް
• މާލޭ ޕޮލިސް
• ހުޅުމާލޭ ޕޮލިސް
• ނޮދަން ޕޮލިސް
• ސަދަން ޕޮލިސް
• ސާވިސް ޑިވެލޮޕްމަންޓް
• ސާވިސް ސަޕޯޓް
• ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުން ބުނި ގޮތުގައި މި އޮނިގަނޑު ފަރުމާކޮށްފައި ވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ.
އޭގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންގެ ދައުރު ފުޅާކުރުމާއި ގައުމުގެ އަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާތޯ ކަށަވަރުކުރުމަކީ ވެސް އެ ބަދަލު ގެނައި މައިގަނޑު ސަބަބެއް ކަމަށް ބުންޏެވެ.
އެ އިދާރާ އިން މިއަދު ބުނީ އިއްޔެ އިން ފެށިގެން ގެނައި ބަދަލުތަކާ އެކު، މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.