ކުލަގަދަ ހަރަކާތްތަކަކާއެކު ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުރިއަށްދާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11، 2026 ވާ ބުރާސްފަތި ދުވަހު މެކްސިކޯގައެވެ. އަދި ފައިނަލް މެޗު އޮންނާނީ ޖުލައި 19، 2026 ގައި އެމެރިކާގެ ނިއުޔޯކުގައެވެ.މުބާރާތް ފަށާ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާއިރު، މި މެޗުގެ ކުރިން މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމެއްގެ ހަސިއްޔަތުން މެކްސިކޯ ސިޓީގެ ފަރާތުން ކުޅިބަލަން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ، ފީފާގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މެކްސިކޯއަށް އުފަން އެމެރިކާގެ ފިލްމީ ތަރި، ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ސަލްމާ ހަޔެކް ޕިނޯލްޓެވެ. މިހަރަކާތުގައި މެކްސިކޯގެ ސަގާފަތް ދައްކުވައިދީފައިވާއިރު، ވޯލްޑް ކަޕާއި ގުޅުންހުރި ތަފާތު މެސެޖުތަކެއް ދެމުންދިޔައެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ގިނަ ކަންތައްތަކެއް ފާހަގަވެންދާ މުބާރާތެކެވެ. އެގޮތުން މިރޭގެ މި ރަސްމިއްޔާތާއެކު މެކްސިކޯ ސިޓީ ސްޓޭޑިއަމް ވެގެންދިޔައީ ހުޅުވުމުގެ ރަސްމިއްޔާރު 3 ފަހަރު ބޭއްވި ފުރަތަމަ ސްޓޭޑިއަމަށެވެ.މީގެ އިތުރުން މި މުބާރާތަކީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މުބާރާތް ބާއްވާ ތިން ގައުމުގައި، ފެށުމުގެ ރަސްމިއްޔާތުތައް ބާއްވާ ފުރަތަމަ ފަހަރެވެ.ވޯލްޑް ކަޕުގެ އޯޕެނިން މެޗެއްގައި އެންމެ ގިނަ ރަތްކާޑު ފެނިގެންދިޔަ މެޗުން 2-0 އިން ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. މެކްސިކޯ ވަނީ މީގެ ކުރިން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އެ ގައުމާ ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ޗެކިއާ ނުވަތަ ޗެކް ރިޕަބްލިކްގެ މައްޗަށް ފަހަތުން އަރައި 2-1 ން މޮޅުވެ ދެކުނު ކޮރެއާއިން ވޯލްޑް ކަޕްގެ ގުރޫޕް އޭ ދެވަނަ މެޗު ކާމިޔާބު ކޮށްފަ އެވެ.