ވިޔަފާރި
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފި
އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫން ރަސްމީކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނަ ވިދާޅުވީ މިއީ ވިޔަފާރިތަކަށް ހިތްވަރުދީ ވަރުގަދަ ރާއްޖެއެއް ބިނާކުރަން އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ.

މި މަސައްކަތްތައް ފުރިހަމަވުމާ އެކު، މިއަހަރުގެ މޭ މަހުގެ ތެރޭގައި ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، ހިދުމަތް ލޯންޗުކުރާނީ މިއަދު ކަމަށް އޮތީ ތާވަލްކޮށްފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫ އަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ޕޭޕަލް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައިފަ އެވެ.

މި ހިދުމަތް ތައާރަފުވުމާ އެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެ އެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު