މި ސަރުކާރުގައި އެންމެ ފުރަތަމަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި މުއާޒް މުހައްމަދު ރަޝީދު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒު އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.
ރަށްރަށުގެ ފެނާއި ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024 ގަ އެވެ.
އޭރު އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ސިޓީގައި މުއާޒު ވިދާޅުވީ ފެނަކައަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވޭ ހާލަތަށް އެ ކުންފުނި ވެއްޓިފައިވާ ކަމަށެވެ.ފެން ކުންފުނީގެ މިހާރުގެ އެމްޑީ އަކީ މި ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ އެމްޑީގެ މަގާމު އަދާކުރެއްވި ހުސައިން ފަހުމީ އެވެ.