ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން މިއަދު ފަށައިފި އެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވެއެވެ. އެފަހުން ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.އެންމެ ފަހުން ގުޅީފަޅުން 41 ފަރާތަކާ ގޯތި ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ.ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް އަމަލުކުރަންޖެހޭ ގޮތް:
- "ހިޔާވަހި ޕޯޓަލް"އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުން.
- ގޯތި ހަވާލުކުރުމުގެ ބަޔަށް ދިޔުން: ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ދިއުން.
- ލިޔުން ޑައުންލޯޑް ކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ މީހެއް ނަމަ، އެ މީހަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެ. އަދި "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މި ބައިން ޑައުންލޯޑް ކުރެވޭނެ.
- ލޮކޭޝަން ބެލުން: ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރު ކޯޑަކާއި ލިންކެއް ހިމެނޭނެ. އެ ކޯޑު ސްކޭންކޮށްގެން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ.