ވިޔަފާރި
ވީއައިއޭގެ ޓާމިނަލް 1 ގައި އަރާމުކޮށްލާނެ އާ ޖާގައެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ދަތުރުވެރިން މަޑުކުރާނެ އާ ސަރަހައްދެއް ތަރައްގީކޮށް، ހުޅުވައިފި އެވެ.

މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަލަށް ހުޅުވި މި ޖާގައާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަ ނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށެވެ.

ދަތުރުވެރިން ފުރުމުގެ ކުރިން މަޑުކޮށްލުމަށްޓަކައި އެތަނުގައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނެ ގޮތަށެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ތަނެއް ވެސް އެ ސަރަހައްދުގައި ގާއިމްކޮށްފައިވެ އެވެ. އަދި އެ ބައިގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި ރައްކާތެރި ހޮޅިތަކާއި ވާ އަދި ރިންގް ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހަދާފައިވެ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި އެއީ އާ ޓާމިނަލް ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އާ ވެއިޓިން އޭރިއާގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެ ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ވެލާނާ އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް ކުންފުނިން ވަރަށް ބޮޑު އިސްމަމެއް ދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު