
ދިވެހި ފޮރިން މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނުގައި ބުނީ، ސައޫދީ އަރަބިއްޔާގެ ރިޔާދާއި އިރުމަތީ ޕްރޮވިންސްގައިވާ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ބަޔާނުގައި ބުނީ، މި އަމަލަކީ ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމަށް ހިންގި ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަޙައްދީ ސުލްހައާއި، ސަލާމަތާއި، ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ދިވެހި ފޮރިން މިނިސްޓްރީން ބުނީ، ސަޢޫދީ އަރަބިއްޔާއަށް ގެއްލުން ދިނުމަށް ރާވަމުން އަންނަ މިފަދަ ކަންކަމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުޞޫލުތަކާއި ހިލާފުކަމެއް ކަމަށެވެ.ދިވެހި ސަރުކާރުން ވަނީ ރާއްޖެ އޮންނާނީ ސައުދީ އަރަބިއްޔާއާއެކުކަން ފާހަގަކޮށް، އެ ގައުމުގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ.ސައުދީއަށް ހަމަލާތައް އަމާޒުކޮށްފައިވަނީ، އެމެރިކާއާއި އީރާނުން ވަރުގަދަ ހަމަލާތައް ބަދަލުކުރާތާ ދެ ހަފުތާ ވުމަށް ފަހު، ހަމަލާތައް މެދުކަނޑާލައިފައި ވަނިކޮށެވެ.އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމުން، އީރާނުން ވަނީ އެ ގައުމުން، އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް ހަމަލާ ދިނުން ހުއްޓާލައިފައިވާ ކަމަށް ވެސް ބުނެފަ އެވެ.