ޚަބަރު
މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ
މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީއެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ވަނީ ރައީސް އޮފީހުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ. އެ މަޝްވަރާތަކަށް ފަހު ރައީސް މުއިއްޒު އާއި ބޮޑުވަޒީރު އަންވަރު ވަނީ ނޫސް ބަޔާނެއް ދެއްވައިފަ އެވެ.

ތަފްސީލް - ބޮޑުވަޒީރު އަންވަރުގެ ބަޔާނުގައި ވިދާޅުވީ މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ އޮނާސް ކަރަންސީ ސްވޮޕް ފެސިލިޓީއަކަށް ރާއްޖެއިން އެދިފައިވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި ކަމަށާއި އެ ހުށަހެޅުމަށް އަވަސް އިޖާބައެއް ދެއްވާނެ ކަމަށެވެ.

"އެމްއެމްއޭން ހުށަހަޅާފައިވާ 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީގެ ޕްރިންސިޕަލްތަކަށް އެއްބަސް ވެވިއްޖެ،" މި ފެސިލިޓީ ހަމަޖެއްސުން އަވަސް ކުރުމަށް ދެ ގައުމުގެ މަރުކަޒީ ބޭންކުން އެކުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި އަންވަރު ވިދާޅުވި އެވެ.

އަދި މިކަން ހަމަޖެހެނީ އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބޮޑުވަޒީރު އަންވަރަށް ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކަރަންސީ ސްވޮޕް ފެސިލިޓީ ފޯރުކޮށްދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖާފަތުގެ ކުރިން ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ، ކަރަންސީ ސްވޮޕްގެ އެއްބަސްވުމަކަށް ވަގުތުން އެއްބަސްވެ ވަޑައިގަތީ މެލޭޝިއާއަކީ ރާއްޖޭގެ ގާތް އެކުވެރިއަކަށް ވުމުން ކަމަށެވެ.

ދެ ގައުމުގެ ސަރުކާރުންވެސް ދެކޭ ގޮތުގައި މެލޭޝިޔާގެ މާލީ އެހީތެރިކަން ވެގެންދާނީ ރާއްޖޭގެ މާލީ ހަމަޖެހުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ލިބިގެންދާ ބޮޑު އެހީތެރިކަމަކަށެވެ.

ދިވެހި ސަރުކާރުން މީގެކުރިން އިންޑިއާ އިން ވެސް މިފަދަ ފައިނޭންސް ފެސިލިޓީތައް ހޯދާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު