ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް، ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފުރާވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒުގެ ދައުވަތަށް އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި އެއަށްފަހު މިއަދު ހެނދުނު ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެމަނިކުފާނަށް ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު އަރުވާފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މުއިއްޒާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާފައިވެ އެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާފައިވެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ އިތުރުން، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު