
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާދަމާގެ ޖަލްސާ ފަށާނީ މެންދުރު ފަހު 1:30 ގައި ކަމަށެވެ.ބަޖެޓް ހުށަހަޅަން މާދަމާ ޖަލްސާއެއް ބާއްވަން ނިންމި އިރު، އާންމު އުސޫލުގެ ދަށުން ބުރާސްފަތި ދުވަހަކީ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ.މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހޭ އަހަރެއް ކަމަށްވާއިރު، މި އަހަރަށް ފާސްކުރީ ރެކޯޑު އަދަދެއް ކަމަށްވާ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރަށް ކަނޑައެޅި ބަޖެޓުން ވަނީ، 48 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓެވެ.އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.ރާއްޖޭގައި ދަރަނި ބޮޑުވާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާދޭތާ އަހަރުތަކެއް ވަނީ ވެފައެވެ.