ޚަބަރު
ކައުންސިލަރުންނަށް 5000ރ. އިނާޔަތެއް ހަމަޖައްސައިފި
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދުނު ގޮތަށް، ވަޒީރުންނާއި ކައުންސިލަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކޮށް، މުސާރަ ބޮޑުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މުސާރަަތައް ބޮޑުުކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެގޮތަށް މުސާރަ ބޮޑުކުރަން ނިންމީ ވެރިކަންކުރާ ޕީއެންސީގެ 42 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް އެމްޑީޕީގެ 12 މެމްބަރުން ވޯޓުދެއްވި އެވެ.

މިއާ އެކު ވަޒީރުންގެ މުސާރައަށް އަންނާނެ ބަދަލަކީ:

  • ވަޒީރުންގެ ކާރު އެލަވަންސް 17,000ރ.އަށް ބޮޑު ކުރަން 

  • އޭރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75,500ރ. ލިބޭނެ 

  • މިހާރު ލިބެނީ 58،500ރ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ، މުސާރައިގެ ތެރެއަށް 5000ރ.ގެ އެލަވަންސެއް ލިބޭ ގޮތަށެވެ. އޭރުން:

  • ކައުންސިލް ރައީސްއަށް 30،500ރ. ލިބޭނެ؛ މިހާރު ލިބެނީ 25،500ރ.

  • ނައިބު ރައީސްއަށް 25،000ރ. ލިބޭނެ؛ މިހާރު ލިބެނީ 20،000ރ. 

  • ކައުންސިލް މެންބަރުންނަށް 23،000ރ. ލިބޭނެ؛ މިހާރު ލިބެނީ 18،000ރ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް، މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރުންގެ މުސާރަ 95،000ރ.އަށް ބޮޑުކުރަން ވެސް މަޖިލީހުން މިއަދު ވަނީ ރުހުންދީފަ އެވެ.

މި ބަދަލު ގެންނަން ނިންމުމާއެކު ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިދިޔަ ހޯމަ ދުވަހު ހުށަހެޅި އެވެ. ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު