ރިޕޯޓް
3 ނޮވެމްބަރ 1988، ބިރުވެރިކަމުން ފުރިގެންވާ ނާމާން ދުވަހެއް!
ވަގުތަކީ ފަތިހުގެ ހަމަހިމޭން ވަގުތެވެ. އަމާންކަމާއި ރައްކާތެރިކަމުގެ ގޮތުގައި ދުނިޔެމަތީގެ ސުވަރު ގޭގެ ގޮތުގައި މުޅިދުނިޔެއަށް ނަން ކުރެވިފައިވާ ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެ ވަނީ ވަރަށް އަރާމު ނިންޖަކުން ނިދާފައެވެ. އަޅުގަނޑުމެން މިދައްކަނީ މީގެ 27 އަހަރު ކުރީގެ ވާހަކައެއް ނަމަވެސް މިއަދުވެސް އެ ހަނދާންތަކާއި ދުރަށް ދެވިފައިނުވާ އަދި އެ ދުވަހެއްގެ މަތިން ދިވެހިން ދުވަހަކުވެސް ހަނދާން ނުނެތޭނެ އަނދިރި ދުވަހެއްގެ ވާހަކައެކެވެ. އާދެ! 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ވާހަކައެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ދިވެހިންގެ ހިތްތަކަށް ހާސްކަމާއި ބިރުވެރިކަން ގެނުވި ނާމާން ކަމުން ފުރިގެންވާ ކަޅު ދުވަހެކެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ދިވެހިންގެ ތެރެއިން މަދުބަޔަކާއި ގުޅިގެން ކުށެއް ނެތް ޢާންމު ރައްޔިތުންނާއި ދިވެހި ފުލުހުންގެ ބަޔަކު ޝަހީދުކޮށްލި ހިތާމަވެރި ދުވަހެވެ. އެއީ ކޮން ދުވަހެއްތޯ ދިވެހިންކުރެ އަހައިފިނަމަ ބުނާނީ އެއީ ބަޑި ބުރާސްފަތި ދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު (އިރު) އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާވީ އެހެން ދުވަސްތަކެކޭ އެއްފަދައިން ދިވެހިންގެ ހިތްތަކަށް މިނިވަންކަމުގެ އުފާވެރި އިޙްޞާސްތައް ލިއްބައިދެމުންނެވެ. ދިވެހިން ނޭވާލަމުން ދިޔައީ ހިތްހަމަޖެހޭ، މިނިވަން ޤައުމަކަށްކަމުގެ ހަނދާންތައް އާކޮށްދެމުންނެވެ. އެހެންނަމަވެސް ކަންތައްވީ ދިވެހީން ހީކުރި ގޮތާއި މުޅިން ޚލާފަށެވެ. ދިވެހިންގެ މި އަމާން، އޮމާން ދިވެހިރާއްޖޭގެ މިނިވަންކަމަށް ބިރުވެރިކަމާއި ނާމާންކަން ކުރިމަތިކުރުވާ ފަތިހުގެ ހަމަހިމޭންކަން އެދުވަހު ދިވެހިންނާއި ކުރުމަތިލީ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. ދިވެހިންގެ މިނިވަން ސާފު ޖައްވަށް އަޅުވެތިކަމުގެ ބިރުވެރިކަން ވެރިކުރުވި ދުވަހެއްގެ ގޮތުގައެވެ. ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަތިހަށް އަލިވާން ގާތްވެފައިވަނިކޮށް ކުއްލި ސިހުމެއް ގެނުވީ ބިރުވެރި ބަޑީގެ އަޑުފައްގަޑުންނެވެ. އެހެނަސް އެންމެ ފުރަތަމަ އެއީ މާބޮޑުކަމަށް ނުހަދާ ތިބީ، ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރ 11 އަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއްކަމަށް ހީކޮށެވެ. ދިވެހިންނަކީ ހަނގުރާމައިގެ ޢަމަލީ އެއްވެސް ކަމެއް ތަޖުރިބާކޮށްފައިވާ ބަޔަކަށް ނުވާތީ އެކަން މާ ސީރިއަސް ކަމަކަށް ނުހަދައެވެ. އެކަމަކު އެއީ އާދައިގެ ކަމެއް ނޫންކަން އިޙްޞާސް ކުރުވީ، ބަޑީގެ ދެވަނަ އަޑެއް އިވުމުންނެވެ. އެވަގުތު ސިފައިންގެ މައި ގޭޓުގައި ފޯރިއަށްތިބި މީހުން ސަމާލުވިއެވެ. އަދި ސިފައިންގޭގައި ނިދާފައި ތިބި މީހުންނަށްވެސް ކުއްލި ސިހުމެއް ގެނުވިއެވެ. އެހާހިސާބުން ދުޝްމަނުންގެ ޙަމަލާތައް ސިފައިންގެ މައި މަރުކަޒަށް އަމާޒުވާން ފަށައިފިއެވެ. ހަމައެވަގުތު ސިފައިންގެ މައި މަރުކަޒުގެ ޑިއުޓީގައި ހުރި ހދ. ކުޅުދުއްފުށި، މާވާގޭ، ޙުސައިން އާދަމްގެ ބަޑި އޭނާ ތައްޔާރުކުރީ އެ ސަރަހައްދުގައި ސޯޓުބުރި ލައިގެން ބަޔަކު އެބައުޅޭކަމަށް ބުނެއެވެ. އަދި ޑިއުޓީ ސަރުދާރަށް އެކަން އެންގުމަށް ފަހު، ދުޝްމަނުން ދެމުންގެންދާ ޙަމަލާތަކަށް ރައްދު ދޭން ފެށިއެވެ. ޙުސައިން އާދަމް އާއި ސިފައިންގެއިން ދެމުންގެންދިޔަ ރައްދު ޙަމަލާގެ ސަބަބުން ދުޝްމަނުންނަށް އެމީހުންގެ އަމާޒަށް ވާޞިލުވުމަށް ހުރަސް އެޅުނެވެ. ޚާއްޞަކޮށް ޙުސައިން އާދަމް ޝަހީދުވީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުން ގޮސް، އަތުގައި އޮތް އޭކޭ ފޯރޓީ ސެވެންގެ ބަޑި އާއި ދެ މެގަޒިން އާއި ލިބިފައިވާ މަދު ހުނަރުގެ ކުޅަދާނަކަން ދައްކަމުންނެވެ. ދިވެހި ޤައުމާއި މިނިވަންކަމުގެ ދިފާޢޫގައި ޙުސައިން އާދަމް ރައްދު ޙަމަލާ ދޭންފެށި ޢުމުރުން ކިތަންމެ ހަގަސް، ޤައުމަށް ނަޞްރު ދިނުމުގައި ޘާބިތުވެ ހުރެއެވެ. ހަށިގަނޑުގެ އެތަންމިތަނަށް އަރަމުންދިޔަ ވަޒަނުން އެމާތް ހަށިގަނޑުގެ ލޭ ބިންމައްޗަށް އޮހޮރުވާލީ، ޖަންނަތަށްދާން ހިންމަތުގެ ކަމަރު ބަނދެ ރައްދު ދެމުން ދިޔައީ އަދިވެސް އިތުރު ވަޒަނެއް ދޭށޭ ގޮވަމުންނެވެ. އާދެ. 3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި ޢާންމުންގެ 11 ބޭކަލަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ޙާދިޘާއަށް 28 އަހަރުވީ އިރު، އަދިވެސް އެ ހަނދާންތަކަކީ އިއްޔެ މެންދުރުވީ ކަމެއްހެން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތުގައިވަނީ ބިންވަޅުނެގިފައެވެ. އެހެނަސް ބައެއް މީހުންނަށް މިއީ ވަރަށް އާދައިގެ ކަމެކެވެ. އެހެންކަމުން މިފަދަ ޙާދިޘާތަކުން ޢިބްރަތް ޙާޞިލު ކުރުމަށް އަވަސްވެގަންނަމާހެއްޔެވެ. ތާރީޚީ ޞަފުޙާތަކުން ހިރަފުން ފޮޅާލާ، އަންނަން އޮތް ޖީލަށް އަޅުގަނޑުމެންގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ރައްދުކޮށްދިނުމަށް އަތުކުރި އޮޅާލަމާހެއްޔެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި މިނިވަންކަމާ ކުޅެނީ ހަމައެކަނި ކަނޑި، ބަނޑި ފަދަ ހަތިޔާރުން ނޫންކަން ހަނދާން ކުރަމާހެއްޔެވެ. ތަފާތު ގޮތްތަކުން، ތަފާތު ނަންނަމުގައި، ތަފާތު ގޭމްތަކުގެ ނަމުގައި އަޅުގަނޑުމެންގެ ސިކުނޑިތަކާ ކުޅެމުން އަންނަނީ ހުޝިޔާރުކަމާއި ވިސްނުންތެރިކަމާއެކުގައެވެ. ޒަމާން ކިތަންމެ ބަދަލުވިޔަސް، އަދިވެސް އަޅުގަނޑުމެންނަށް މިފަދަ ބިރުވެރި، ހިތާމަވެރި ދުވަހެއް ނާންނާނޭ ބުނާކަށް ނުކެރޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ހަނގުރާމަވެރި ހަތިޔާރު ހޯދުން ގިނަވެފައިވާ ދުވަސްވަރެއްގައި މިފަދަ ކަމަކަށް ވިސްނާ،ފިކުރު ކޮއްލުން ވަރަށް މުހިއްމެވެ. ޚާއްޞަކޮށް ސިޔާސީގޮތުން އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި އަމާޒުގެ ދުރުމި ދިމާކޮއްލި ކޮންމެ ދިމާލަކުން މިދަނީ ހަތިޔާރު ފެންނަމުންނެވެ. އިންޑިއާ ކަނޑުގައިވާ މުތީތަކެއްފަދަ މި ދިވެހިރާއްޖެއަށް ކަޅިއަޅާ ކިތަންމެ ޤައުމެއް ދުނިޔޭގައިވާ އިރު، މީގެ ކުރިން އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރެއަށް ޢާންމުވެފައިނުވާ ޒަމާނީ ހަތިޔާރު އަތްފޯރާފަށުގައި ހުރުމީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް ކިހާވަރެއްގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްބާއޭ މީ ހަމަގައިމުވެސް އަޅުގަނޑު ހިތުން ވިސްނާލުން މުހިއްމު ނުކުތާއެކެވެ. ކޮންމެއަކަސް އަޅުގަނޑުމެންގެ ދުޢާ އަކީ މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާން އެއްވެސް މީހަކު ބޭނުންނުވާނެކަން ޔަޤީނެވެ. މިފަދަ ކަންކަމުގައި ވިސްނަންވީ ކަމަކީ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކުވެސް އޭގެ ފަހަތުގައި ދިވެހިންގެ ޝާމިލުވުން އޮތްކަމެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އޭ ދިވެހި ލޮބުވެތި ދަރިންނޭވެ. ހޭއަރާ ނިކަން ވިސްނާލާށެވެ. އެ ދުވަހުގެ އެ ޙާދިޘާ އަޅުގަނޑުމެންގެ ތެރޭގައި މިއަދު ތަކުރާރުވެގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ލެއްވުމެވެ. މި ބިމުގެ ޙައްޤުގައި ޝަހީދުވެދިޔަ އެންމެހާ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާ، އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!.
ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު