ޚަބަރު
ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދު ހަނދާންކޮށްދޭ ދުވަސް: ޔާމީން
ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހީންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ، ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ 80 ވަރަކަށް މީހުން ގޮވައިގެން މާލެ އަރައި ދިން ހަމަލައިން ދިވެހިން ސަލާމަތްވުމުގެ އުފަލުގައި ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ އެކު، ޔާމީން "އެކްސް" ގައި ހަތް ކަމެއް މިއަދު ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން އެންމެ ފަހު ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ "އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" އެވެ.

‏"މިއީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް. ‏ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަސް،" ޔާމީން ވިދާޅުވި އެވެ. "މިއީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް. ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް." ޔާމީން ވިދާޅުވި އެވެ.



އިންޑިއާއަށް ވެސް އެ ދުވަހުގެ ތައުރީފް ހައްގުވާ މޭރުމަކުން ޔާމީން ލިޔުއްވައިފައިވާއިރު، އެމަނިކުފާނާއި މިދިޔަ ސަރުކާރުގައި އިދިކޮޅުގައި އޮތް ޕީޕީއެމުން ވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލުމަށް ކަމަށް ބުނެ، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގައިފައެވެ.

އެ ހަރަކާތުގެ ތެރެއިން އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް އެ މަނިކުފާނު ވެސް ފާޑުކިޔުން ރައްދުކުރެއްވި އެެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޕީއެންސީގެ ބައެއް ބޭފުޅުން މިހާރު ތިއްބެވީ މި ސަރުކާރުގެ ވަޒީރުންގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު