އަބްދުލް ހަންނާން (ހަމްބެ)
04 ނޮވެމްބަރ 2019 - 00:12
0 comments
ޝައްކެތް ނެތް ގޮތުގައި ދަރިންނަކީ ﷲ ސުުބުޙާނަހޫ ވަތަޢާލާ މައިންބަފއިންނާއި ޙަވާލުކުރައްވާފައިވާ ވަރަށް ވެސް އަގު ބޮޑު އަމާނާތެކެވެ. ނިޢުމަތެކެވެ.
އެ އަމާނާތަށް ހިޔާނާތް ތެރިނުވެ ފަރުވާތެރި ކަމާއި އެކު ރައްކާތެރި ވުމަކީ ހަމަ ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ. ޤިޔާމަތް ދުވަހު އެކަމާއި މެދު ސުވާލުކުރެވޭނެކަން މަސްއޫލިއްޔަތެކެވެ. މިއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ދަރިންނަކީ މައިން ބަފައިންގެ ހިތުގެ ހަަމަޖެހުމާއި ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމާއި ލޮލުގެ ފިނިކަން ކަމުގައި ދަރިން ވެގެންދާނީ، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިގެންނެވެ. ދެމަފިރިން ވަކިވާ ޙާލަތްތަކުގައިވެސް ދަރިންގެ ކަންކަމަށް އިހުމާލުނުވެ އެކުދިންގެ ބޭނުންތައް ހެޔޮގޮތުގައި ފުއްދައި ދިނުމަށް ދީން ބާރު އަޅަނީ މިހެންވެގެންނެވެ. މިއީ ހަމައެކަނީ މަންމަ ނުވަތަ ހަމައެކަނި ބައްޕަަގެ ޒިންމާއެއް ނޫނެވެ. މިއީ ދެމަފިރިންގެ ވެސް ޒިންމާއެކެވެ. މި ޒިންމާ އަދާކުރެވޭނީ ދެމަފިރިން ގުޅިގެންނެވެ. ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތުވެގެންދާނީ، ދެ ފަރާތުގެވެސް ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ.
ކަންމިހެން ހުރިނަމަވެސް ދަރިންގެ ކަަންކަމަށް އިހުމާލުވާ މަންމައިންނާއި ބައްޕައިން އަރެމެންގެ މުޖުތަމަޢުން މަދުންނަމަވެސް ފެންނަމުން ދެއެވެ. މިއީ ހިތާމަ ހުރި ކަމެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި މަންމަގެ ބޮލުގައި އެޅިފައިވާ ކަމެއްގެ ގޮތުގައި ދެކޭ ބައްޕައިން ވެސް އުޅޭތީފެނެއެވެ. އާއެކެވެ! މަންމައަކަށް ވީތީ، ކުދިން ތަރުބިއްޔަތުކޮށް ކުދިންގެ ކަންކަން މަންމަ ބަލަން ޖެހެއެވެ. ދަރިފުޅު ބެލެމުގައި މަންމަގެ ޙައްޤު ބައްޕަޕަގެ ޙައްޤަށް ބުރެ ބޮޑެެވެ. އެހެންނަމަވެސް އެ ދަރިންގެ ތަރުބިއްޔަތުގައި ބައްޕަގެ ޙިއްޞާވެސް ނުހަނު ބޮޑެވެ. އެކުދިން ބަލަހައްޓާ ފަރާތަށް ހެޔޮ ރަނގަޅުގޮތުގައި ކެއިން ބުއިމާއި އަަންނައުނު ދިނުން ކުއްޖާގެ ބައްޕަގެ މައްޗަށް އިސްލާމްދީން މިވަނީ ވާޖިބުކަމެއްގެ ގޮތުގައި ލައްވާފައެވެ. މާނައަކީ، ދަރިން ބަލަނީ އެކުދިންގެ މަންމަ ކަމުގައިވިޔަސް އެކަމުގެ ސަބަބުން ދޭންޖެހޭ އުޖޫރައެއް ފޯރުކޮށްދިނުމަކީ ބައްޕަގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ. ކުދިންގެ ޚަރަދު ބެލެހެއްޓުމެކޭ އެއްފަދައިން ކުދިން ބަލަހައްޓައިދޭ މީހާއަށް ޚަރަދު ދޭން ޖެހޭނެކަން ކީިރިތި ޤުރުއާނުގައި ވަނީ އަންގާ އަމުރު ކުރައްވަފައެވެ.
ދަންނަންޖެހޭ ހަޤީޤަތަކީ ކުދިން ގޯސްވުމާއި، ބިކަވެ ޙާލުގައި ޖެހުމާއި، ޢާއިލާގެ މެމްބަރުންގެ މެދުގައި އޮންނަންވީ ގުޅުން ނެތި ދިއުމާއި ކުށްކުރާކުދިން ގިނަވުމަކީ ހަމައެކަނީ ކައިވެނި ރޫޅުމުން ވާކަމެއް ނޫނެވެ. މިފަދަ ކަންތައްތަކަކީ މައިންބަފައިން އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް ނޫޅުމާއި ދެމަފިރިން އެކަކު އަަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ދަރިންގެ ޙައްޤުތައް ރަނގަޅުގޮތުގައި ނުވަތަ ފުރިހަމަ ގޮތުގައި އަދާނުކުރުމުގެ ނަތީޖާއެވެ.
މުޖުތަމަޢަށް އަޅާލާނެ ބަލާލާނެ މީހަކުނެތް ދަރިންތަކެއް ނިކުތުމުން ، އެކުދިން ގޯސް ކުދިންގެ ޝިކާރައަކަށް ވެދެއެވެ. ދަރިންގެ ހެދިބޮޑުވުމާއި، ތަަރުބިއްޔަތަށް އަޅާލަންވީ މިންވަރަށް އަޅާނުލެވުމުގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ގޭތެރެއިން އެ އަޅާލުމާއި ލޯބި ދަރިންނަށް ލިބޭނެމަ، އެކުދިން މަގުމަތިވެގެނެް ނުދާނެއެވެ. ތަޖުރިބާއިން ސާބިތުވާ ގޮތުގައި މައިންބަފައިން ލޯތްބާއި އަޅާލުން ފުރިހަމައަށް ނުލިބޭ ކުދިންގެ ހެދިބޮޑުވުމަށް އެކަމުގެ ނޭދެވޭއަސަރު އިންތިހާ އަށް ކުރެއެވެ.
ދަރިންގެ ތަރުބިއްޔަތާއި އަޚްލާޤްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް އިނގިލި ދިއްކުރެވެނީ އެކުދިންގެ މައިންބަފައިންނާއި ދިމާއަށްކަން ޔަޤީނެވެ. އެއީ އެކުދިން ތަރުބިއްޔަތު ކުރުމުގެ ބިންގާ ކަމުގައި ނުވަތަ ފެށުން އަންނަނީ މައިންބަފައިންނާއި ހިސާބުންކަމަށް ވާތީއެވެ.
ކުދިންގެ އަޚްލާޤް ރަނގަޅު ކުރުމަށްޓަކައި ރަނގަޅުތަރުބިއްޔަތެއް ދަރިންނަށް ދޭންޖެހެއެވެ. ދަރިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުމަށްޓަކައި ކުރެވޭނެ ވަރަށް ގިނަކަންކަން އެބަހުއްޓެވެ. އެގޮތުން ފުރަތަމަ ކައިވެންޏަކަށް ދާއިރު، ރަނގަޅު ދީންވެރި ބައިވެރިޔަކު އިޚްތިޔާރުކުރަން ޖެހެއެވެ. އަންހެން ވިޔަސް އަދި ފިރިހެން ވިޔަސް މެއެވެ. މިއީ ދީން ދަސްކޮށްދީފައިވާ ނުވަތަ ބާރުއަޅުއްވާފައިވާ ގޮތެވެ. އެހެންވީމާ، ހުރިހާކަމެއްގެ ފުރިހަމަގޮތް ވަނީ ދީނުގައިކަން ސާބިތުވެއެވެ. މިކަމަށް ސަމާލުކަން ދެވިއްޖެނަމަ، ދަރިންގެ ތަރުބިއްޔަތާއި އަޚްލާޤާއި މެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
މިގޮތުގެ މަތިން އަމަލް ކޮށްފިނަމަ ހިތުގެ ހަމަޖެހުމާއި ލޮލުގެ ފިނިކަން އެމަންމައަކާއި ބައްޕައަށް ލިބޭނެކަމީ ކަށަވަރު ވާކަމެކެވެ. މީގެ އިތުރުންވެސް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދަރިފުޅަށް ރަނގަޅު މާނަދޭހަވާ ފަދަ އިސްލާމީ ރިވެތި ނަންތަކުގެ ތެރެއިން ނަމެއް ކިޔުމާއި، އީމާންކަމުގެ އަސްލުތައް ދަރިންގެ ހިތްތަކުގައި އަށަގެންނެވުމާއި، ޙަލާލް ކާބޯތަކެއްޗާއި އަންނައުނު ދިނުމާއި، ދަރިންގެ އުޅުމާއި ސުލޫކު ބެލެހެއްޓުމާއި، ރިވެތި އަދަބުތައް ދަރިންނަށް ދަސްކޮށްދިނުން ހިމެނެއެވެ.
އަދި ތަޢުލީމާއި ތަރުބިއްޔަތާއެކު ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމާއި ދަރިންގެ ޢުމުރާއި އެކުދިންގެ ވިސްނުމާއި ތަޞައްވުރު ރަނގަޅުކޮށް ހޭލުންތެރި ކުރުވުމަކީވެސް ކުރެވިދާނެ މުހިންމުކަންކަމެވެ. ހަމަމިއާއެކު ރިވެތި އަދަބުތައް ދަސްކޮށްދީ، އިސްލާމީ ޚުލްޤުގެ މަތީގައި ދަރިން ބޮޑުކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. ހަމަ މިއާއެކު އިސްލާމީ ޝަރީޢަތާއި އަޅުކަމާއި އަޚްލާޤުގެ ބައިތައް ދަސްކޮށްދެންވާނެއެވެ.
މިއިން ކަމަކަށް މައިންބަފައިން ނުވަތަ ޢާއިލާ އިހުމާލުވެއްޖެ ކަމުގައިވާނަމަ، އިސްލާމްދީނުގެ މަންހަޖާއި އިޖުތިމާޢިީ ދިރިއުޅުމުގެ ނިޒާމާއި ޚިލާފްވެވުނީއެވެ. ވީމާ، މިޢިޝާރާތްކޮށްލެވުނު ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ދަރިންނަށްޓަކާ އަދާކޮށްދެވޭނީ އެކުދިންގެ މައިން ބަފައިންނަށެވެ.