ވިޔަފާރި
ދަނޑުވެރިން ހައްދާ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ: އަމްރު
ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދަނޑުވެރިން ވިއްކާ ތަކެއްޗަށް އެސްޓީއޯ މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ. 

އެސްޓީއޯއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ތަކެތި ވިއްކަން ބޭނުން ފަރާތްތަކުން ފޯމް ފުރުއްވާ ހުށައެޅުމުން އެސްޓިއޯއިން ދިވެހި ދަނޑުވެރިން އުފައްދާ ހުރިހާ ބާވަތްތަކެއް އެސްޓިއޯއިން ގަނެ ދިވެހި ބާޒާރަށް ގެނެސް ދޭނެކަމަށެވެ. އަދި ދަނޑުވެރިންގެ ތަކެތި އެސްޓީއޯއިން ގަންނާނީ ވަގުތުން ފައިސާ ދަނޑުވެރިޔާއަށް ލިބޭނެ ގޮތަށް ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެގެން ނުތިބެވޭނެކަން މިދަނީ ސާފުކޮށް ފެންނަމުން ކަމަށާއި މިދަނޑިވަޅަކީ ދިވެހި ދަނޑުވެރިންގެ މަސައްކަތުގެ އަގު ވަޒަންކޮށް ގަނޑުވެރިންނަށް ހަމަ އަގު ގެނެސް ދޭންވީ ވަގުތު ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ. ދަނޑުވެރިކަން ކުރިއަރުވަން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަންނާނެ ނޭޝަނަލް އެގްރިކަލްޗާ ކުންފުންޏެއް އުފެއްދުމަކީ އެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަނެވޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

"މިގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ" ރައީސް ވިދާޅުވިއެެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި އިގްތިސާދީ ހާލަތަކީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރަން ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރަށް ވުރެ ދަނޑުވެރިކަން ކުރިއެރުވުމަކީ އެމްޑީޕީގެ ވިސްނުމެއްކަން އަމީރު ފާހަގަކުރެއްވި އެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ހާއްސަ ޓްރެއިނިން ޕްރޮގްރާމްތަކެއްވެސް ހިންގަމުންނެވެ.  އަދި ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ވެސް  ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންހެނުންނަށް ލޯނު ޕްރޮގްރާމެއްގެ ވަކި އަދަދެއްގެ ޚާއްސަކުރީ ދަނޑުވެރިކަމަކީ އިގްތިސާދަށް ފައިދާ ކުރާ އަދި ތިމާވެށްޓާ ރަށްޓެހި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު