ޚަބަރު
ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިިއްޖެ
މި ރޯދަ މަހާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެ އަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު އެދިއްޖެ އެވެ. 

ޕްރޮގްރޮސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ހަމައެކަނި ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނަވާތާ މިހާރު ފަސްމަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލަ ކުރިޔަށް ނުދާތާވެސް ގިނަ މަސްތަކެއް ވެފައިވާ ކަމަށެވެ.

އަދި ޔާމީނުގެ ސިއްހީ ހާލަތު ވެސް މިވަގުތު ރަނގަޅު ނުވުމުން، ރޯދަ މަހު ގެއަށް ބަދަލު ކުރުމަށް އެދި މި މަސް ފެށުމުގެ ކުރިން ހުށަހެޅި ކަމަށާއި އެކަމަކު ރޯދަ މަހުގެ ދެ ވަނަ ދުވަސް ފާއިތުވެގެން ދާއިރު ވެސް އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ކޯލިޝަނުން ބުންޏެވެ.

"މިއިން އެންމެ ބޮޑަށް އެނގެނީ މި ސަރުކާރުގެ އަނިޔާވެރިކަން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ،" އެ ބަޔާނުގައި ބުންޏެވެ.

ރައީސް ޔާމީން މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ މައްސަލަ އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން އިސްތިއުނާފަށް އެދުމުން އެމައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު