ޚަބަރު
ކުރީގެ ރައީސުންގެ އިނާޔަތް މަދު ކުރަން މައުމޫން ތާއީދުކުރައްވައިފި
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ރިވިއު ކުރުމަށް ތާއިީދު ކުރައްވާކަން ހާމަ ކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ކުރީގެ ރައީސުންނަށް މިހާރު ދޭ އިނާޔަތްތައް މުރާޖާ ކުރަން ފިނޭންސް މިނިސްޓްރީން އޮތީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ. އެކަމާ މެދު މަޖިލީހުން އަދި ގޮތެއް ނުނިންމަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދަށް މައުމޫން ފޮނުއްވެވި ސިޓީގައިވަނީި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮޮންޖެހުންތައް ކުރިމަތިވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާތީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާ ކުރުން އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ތާއީދުކުރާ ކަމަށް ވެސް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް މުރާޖައާ ކުރެއްވުމަށް އަޅުގަނޑު ތާއީދު ކުރާކަންވެސް މަނިކުފާނަށް ދެންނެވުމަށްޓަކައި މި ފުރުސަތުގެ ބޭނުން ހިފަމެވެ." ރައީސް މައުމޫންގެ ސިޓީފުޅުގައިވެ އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެއެވެ. އަދި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ހިދުމަތްތައް ދައުލަތުގެ ހަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.

ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު