
އަބްދުއްރަހީމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފެށިއިރު އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތް ފެށިއިރު، ވެރިކަން ހިންގާ ޕީއެންސީގެ ހުރިހާ މަސައްކަތަކުން އެމަނިކުފާނު ވަނީ އެކަހެރިކޮށްފަ އެވެ.ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކި ކުރިއިރު، އަބްދުއްރަހީމް އާއި ރައީސް މުއިއްޒުގެ ގުޅުން އޮތީ ގޯސްވެފަ އެވެ.ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ވިދާޅުވި ގޮތުގައި، އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ރަސްމީކޮށް ނިންމާފައެއް ނުވެ އެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް މިހާރު ފަށާފައިވާކަން ބައެއް މެންބަރުން މި "ހޯރަ" އަށް ކަށަވަރުކޮށްދެ އެވެ. ބައެއް މެންބަރުން ވިދާޅުވީ އަބްދުއްރަހީމްގެ "އިތުބާރު" ގެއްލިއްޖެ ކަމަށެވެ. ތަފްސީލެއް ވިދާޅެއްނުވެ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވެސް ސިޔާސީ ހަރަކާތަކުން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އިތުބާރުހުރި ބައެއް މަސްދަރުތަކުން މީގެ ކުރިން 'ހޯރަ'އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ވެރިކަންކުރާ ޕީއެންސީގައި އެންމެ އިސްކޮށް ތިއްބެވި މުއިއްޒު އާއި އަދުރޭގެ މެދުގައި އޮތް ގުޅުން މި ފަހުން ވަނީ ގޯސްވެފަ އެވެ.މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޗުއްޓީއަށް ފަހު، މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮތީ އަންނަ މަހު 6ގަ އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާނެ އެވެ. މަޖިލީހުގެ ގަވައިދު މިހާރު އޮތް ގޮތުން މިއަދު މަޖިލީހަށް މައްސަލަ ހުށަހެޅިއަސް، އެންމެ އަވަހަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ތާވަލު ކުރެވޭނީ އަންނަ މަހު ފަހުކޮޅަށެވެ.