ޚަބަރު
ރާއްޖެ-އިންޑިއާ ވިޔަފާރީގައި އަމިއްލަ ފައިސާ ބޭނުންކުރަނީ
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކާއި އެހެނިހެން ވެސް އިގްތިސޯދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް އިން ކުރުމަށް މި ފަހުމުނާމާއިން ބާރުއަޅަ އެވެ.

މިގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އަދި ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށާއި ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިޤުތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރަން މަގުފަހިކުރުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ފައިސާ ނަގާއިރު އެ ނަގާ އަދަދަކަށް އެމްއެމްއޭއިން ދިވެހި ރުފިޔާ އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައިގައި ބަހައްޓާނެ އެވެ. އަދި ނެގި ފައިސާ އަނބުރާ ދައްކާ މިންވަރަކުން އާރުބީއައިގައި ބަހައްޓާ ފައިސާ އެމްއެމްއޭއަށް ދެމުން ގެންދާނެ އެވެ.

އެމްއެމްއޭ އިން ފުރަތަމަ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮޮއިކުރީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ސްވޮޕަކީ ރިޒާވް މެނޭޖު ކުރުމަށް ބޭނުންކުރާ މުހިއްމު އާލާތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު