ޚަބަރު
އާރުޓީއެލް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތަކީ ސަރުކާރުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީގެ މައި ބަދަ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އާރުޓީއެލް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމެކެވެ. އެގޮތުން "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ފަށާފައިވާ ބޮޑު މަޝްރޫއެކެވެ.

ހދ. އަތޮޅަށް ރަސްމީކޮށް ޚިދުމަތް ދޭން ފެށުމުގެ ކުރިން މި ޚިދުމަތް ޓެސްޓުކުރުމުގެ ގޮތުން ހިލޭ ދަތުރުތަކެއް ކުރަން މީގެ ކުރިން ވަނީ ފަށާފައެވެ. އަދި މިއަދު ވަނީ  ރަސްމީކޮށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް މިއަދު ވަނީ ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، މިފެށިގެންދިޔަ ހައިސްޕީޑު ފެރީގެ ނިޒާމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ލާމަރުކަޒީ ނިޒާމަށް ވާސިލްވުމަށްޓަކައި އެންމެމުހިންމު ދައުރެއް އަދާކުރާނެ ނިޒާމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ޖަޒީރާތަކުގެ އެއްރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެށި ރާއްޖެ ޓްރާސްޕޯޓް ލިންކް ނެޓްވޯކް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ." ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.


މި ޚިދުމަތް އެންމެ އެކަށޭނެ ގޮތުގައި ބޭނުންކުރުމަށް އާރުޓީއެލްގެ އެޕް ގެ ނަމުގައި ވަނީ އެޕެއް ނެރެފައެވެ. އެ އެޕަކީ ޓިކެޓު ނެގުމަށާއި މި ޚިދުމަތާ ގުޅޭ އެހެނިހެން ހުރިހާ ކަމެއްވެސް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕެއެކެވެ.

އާރުޓީއެލް ފެށުމާ އެކު ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލަދެން ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމުގެ ފެށުމަކަށް ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އާރުޓީއެލްގެ ޕެސެންޖާ ފެރީ ގުޅައިލާނީ ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަކޮށްފައިވާ ނިޒާމެވެ. އެއީ އާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރެވެ. އަދި އެ ދުވަހު ހިދުމަތް ހޯދުމަށް ފަހު އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ އެވެ. ނަން-ކޮމިއުޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގެވެ. އެ ދަތުރުތައް ދިގުވެފައި ދުރު ރަށްތަކަށް ދެވޭނެ އެވެ. އެ ލިންކުގައި ހިމެނޭ ރަށްތަކުގައި އެއާޕޯޓު އަދި ވިޔަފާރި ހަބްތައް ހިމެނޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދަތުރުކުރަން ނުޖެހި، ޒޯންގައި ހިމެނޭ ރަށްތަކުން ފަސޭހައިން ހިދުމަތް ހޯދޭނެ މަގެކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބާ، އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
އިތުރަށް ކިޔާލަން: ފެރީ ނިޒާމާއެކު ރާއްޖޭގެ މުޅި އިޤްތިޞާދު ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި: ފައްޔާޒް

އާރް.ޓީ.އެލްގެ ޚިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކެކެވެ. އެގޮތުން މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއަރކޯން ކޮށްފައިވާ ފެރީތަކެކެވެ. ފެރީގައި ފާޚާނާކުރެވެން ހުންނާނެއެވެ. އަދި ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ޚާއްސަކުރެވިފައިވެއެވެ. މިއިން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރ ބެހެއްޓުމަށް ވަކިތަނެއް ޚާއްސަކުރެވިފައިވެއެވެ. މިފެރީތަކުން ޚިދުމަތް ހޯދާ ކޮންމެ ދަތުރުވެރިއަކަށްވެސް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ. އާރުޓީއެލްގެ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު