ވިޔަފާރި
ފެރީ ނިޒާމާއެކު ރާއްޖޭގެ މުޅި އިޤްތިޞާދު ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި: ފައްޔާޒް
ހދ. އަތޮޅުގައި ދުއްވަން ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ފެރީ ލޯންޗު ---
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފެށި މަޝްރޫއު، ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) މަޝްރޫއަކީ ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު މަޝްރޫއުއެއްކަމަށާއި ފެރީ ނިޒާމާއެކު ރާއްޖޭގެ މުޅި އިޤްތިޞާދު ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ތިން ފޭސްއަކަށް ބަހާލައިގެން އިފްތިތާހު ކުރާ ފެރީ ނެޓްވޯކްގެ ދަށުން މިއަދު ފެރީގެ ހިދުމަތް ދޭން ފަށާފައިވަނީ ފޭސް އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެ ފެރީގެ ހިދުމަތް ފޯރުކޮށްދޭނީ އެމްޓީސީސީއިން އެވެ.

އާރުޓީއެލްގެ ފެރީ ދަތުތުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެ އެވެ.

އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެ އެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އެއް ރަށާއި އަނެއް ރަށް އަދި އެއް އަތޮޅާއި އަނެއް އަތޮޅު ވަރަށް ފަސޭހައިން ގުޅާލެވޭނެ ކަމަށެވެ. މި ނިޒާމާއެކު ރާއްޖޭގެ މުޅި އިޤްތިޞާދު ދެން ފެނިގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއާއެކު ކުދި މަރކެޓްތައް ބަދަލުވަނީ ބޮޑު އެއް މާކެޓަށް. މުޅި ރާއްޖެ މި ގުޅިގެން ދަނީ. މިއީ ރާއްޖެއާ ގުޅޭ، އެކަށީގެންވާ ނިޒާމެއް." އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

މި ނިޒާމާއެކު ވިޔަފާރިތަކުން ޚިދުމަތް ހޯދާ މީހުން އިތުރުވެ ވިޔަފާރިތަކަށް ލިބޭ މާކެޓްވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ފެރީގެ ނިޒާމުގެ ސަބަބުން ރަށްރަށުގައި ކުދި ވިޔަފާރިތައް އިތުރުވުމަށްވެސް ބާރަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ފެތުރިފައިވާ އިގްތިސާދު ހަގީގަތުގައި އެކައްޗަކަށް މި ހަދާލެވެނީ އާރުޓީއެލްގެ ޒަރިއްޔާއިން ކުދި ކުދި މާކެޓްތަކެއްގެ ގޮތުގައި ކުރިން ހުރިހުރުން އެއް މާކެޓަކަށް އޭގެ ޒާތުގައި ބަދަލުވެގެން މިދަނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." 

އާރްޓީއެލް އެޕްލިކޭޝަންގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.

ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ފަށާ ދަތުރުތަކުގެ އަގުތަކާ މެދު ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހދ އަތޮޅު ކައުންސިލުން ވަނީ ބައެއް ރަށްރަށަށް ދަތުރު ކުރުން ވަރަށް އަގު ބޮޑު ކަމަށް ބުނެފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު