
ޖިއޮޕޮލިޓިކަލް ކޮންޓެކްޓް:އިންޑިއާ ކަނޑުގައި ސްޓްރެޓެޖިކް ގޮތުން އޮންނަ ރާއްޖެ އަކީ ކަނޑުފޭރުމާއި ސްމަގްލް ކުރުމާއި އަދި ސަރަޙައްދީ ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުން ފަދަ ސަލާމަތީ އެކި އެކި ކަންކަމުގެ ނުރައްކާ އޮތް ޤައުމެކެވެ. ޖިއޮގްރަފިކަލް ގާތްކަމަށް ބަލާއިރު، މި ގޮންޖެހުންތަކުން އަރައިގަނެ، މި ސަރަޙައްދުގެ ހަމަޖެހުން ދެމެހެއްޓުމުގައި އެންމެ އިސް ބައިވެރިއެއްގެ ގޮތުގައި ލާޒިމްކުރަނީ އިންޑިއާ އެވެ.ސެކިއުރިޓީ ކޯޕަރޭޝަން:އިންޑިއާ އާއި ދިވެހިރާއްޖެއަކީ ޑިޕްލޮމެޓިކް އަދި ސެކިއުރިޓީ އެއްބާރުލުން ދިނުމުގެ ޒަމާންވީ ތާރީޚެއް އޮތް ދެ ޤައުމެވެ. މި ގުޅުމުގެ ތެރޭގައި މެރިޓައިމް ސެކިއުރިޓީ އާއި އިންޓެލިޖެންސް ޝެއާ ކުރުމާއި ޖޮއިންޓް ނޭވަލް އެކްސަސައިޒްތަކާއި ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ. މި މަސައްކަތުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތަކުން އަރައިގަތުމުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާއިތުވީ މާޒީއިން ފެންނާން އެބަހުއްޓެވެ.އިޤްތިޞާދީ ބަރޯސާވުން:އިޤްތިޞާދީ ކުރިއެރުމަށް ޓަކައި ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، މަސްވެރިކަމާއި ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު ޙިއްޞާއެއް ލިބޭ ސިނާޢަތެވެ. މި ސަރަޙައްދުގެ ހަމަޖެހުން ދެމެހެއްޓުމަށާއި، އިޤްތިޞާދީ ޙަރަކާތްތައް ކުރިއެރުވުމަށާއި، ރާއްޖޭގެ އާބާދީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި ރައްޔިތުންގެ ދުވަހުގެ ކާނާއަށް ލާޒިމުކުރާ ފިޔާ އަލުވި އަދި ބިސްފަދަ ތަކެއްޗަށް އިންޑިއާއަށް ޒަމާނުއްސުރެ ހެޔޮ އަގެއް އޮތުމުން ބަރޯސާވެފައިވުމުންނާއި، މިކަންތަކައް ބަލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް އިންޑިޔާގެ އެއްބާރުލުން ވަރަށް މުހިއްމެވެ.އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕްރޮޓެކްޝަން:ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަކީ ކަނޑުގެ ބަޔޯޑައިވާސިޓީގެ ގޮތުން ވަރަށް ފުޅާ އަދި މުއްސަނދި ސަރަހައްދެކެވެ. މި ސަރަޙައްދު ޕެޓްރޯލްކޮށް ޙިމާޔަތްކުރުމުގައި އިންޑިޔާއާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުން ފަދަ ޣައިރު ޤާނޫނީ މަސައްކަތްތައް ހުއްޓުވައި، ތިމާވެށީގެ ހަމަޖެހުން ދެމެހެއްޓުމާއި، ރާއްޖޭގެ ކަނޑުގެ އިކޯސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުން ހިމެނެއެވެ.ސްޓްރެޓެޖިކް ޕާޓްނަރޝިޕް:އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އިންޑިޔާގެ ސްޓްރެޓެޖިކް ޝައުޤުވެރިކަން ގުޅިފައިވަނީ އަވަށްޓެރި ޤައުމުތަކުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމާއިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކޮށް، ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރެއެވެ. މިގުޅުން ރާއްޖޭގެ ހުރިހާ ރައީސުންވެސް ވަރަށް ގަޔާވެގެން ބަދަހިކޮށްފައިވެއެވެ."އިންޑިއާ އައުޓް" ސްލޯގަން:ސިޔާސީގޮތުން ކުރާ މުޒާހަރާތަކުގައި ބޭނުންކުރާ ބައެއް ބަސްތަކާއި ސްލޯގަންތައް، ވެރިކަން ލިބުމަށްފަހު ދުރުވިސްނޭ ސިޔާސީ ލީޑަރުން ބައެއްފަހަރު ދޫކޮށްލާނެ އެވެ. މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ދުރުވިސްނުންތެރި ލީޑަރެއް ކަމަށްވާ ނެލްސަން މަންޑޭލާ މިސާލު ދެއްކެވީ، ނަސްލީ ތަފާތުކުރުމާ ދެކޮޅު ޒަމާނުގެ ބައިބައިވުމުގެ ޝިއާރުތައް ފަހަނައަޅައި ގޮސް، ދެކުނު އެފްރިކާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ޓަކައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ކުރިއެރުވުމަށެވެ. މަންޑޭލާ އެދެއްކެވި ނަމޫނާއަށް ނުބަލައި، މިސަރުކާރުން އިންޑިއާ ސްލޯގަން ބަލައިގެންފިނަމަ ނުވަތަ ޕްރޮމޯޓްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ޑިޕްލޮމެޓިކް، އިގްތިސާދީ އަދި ސަލާމަތީ މަސްލަހަތަށް ކުރާނެ އެވެ. އެންމެ ފުރަތަމަ ކަމަކީ ޢުމްރާނީ ތަރައްޤީއާއި ސިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުން ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިންޑިއާއަކީ ޒަމާންވީ އެކުވެރި އަދި ސްޓްރެޓެޖިކް ޕާޓްނަރެކެވެ.އިޤްތިޞާދީ ގޮތުން ބަލާއިރު، "އިންޑިއާ އައުޓް" ސެންޓިމެންޓުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށް، އިގްތިސާދީ ހީނަރުކަމެއް އަންނާނެ އެވެ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އިންޑިޔާގެ އިޤްތިޞާދީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ވަރަށް މުހިންމު ދައުރެއް އަދާކުރާތީ މި ގުޅުން ކަނޑާލުމުން އިޤްތިޞާދީ އެހީތެރިކަން ގެއްލި، ފިއްތުންތަކަށް ޙައްލު ހޯދުމުގެ ޤާބިލުކަމަށް ހުރަސް އެޅިދާނެ އެވެ.ސަލާމަތީ ނަޒަރަކުން ބަލާއިރު ކަނޑުމަތީގެ ސަލާމަތާއި ކަނޑުފޭރުން ފަދަ ސަރަހައްދީ ނުރައްކާތަކުން އަރައިގަތުމަށް އިންޑިއާއިން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދެ ޤައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ މުޅި ހަމަޖެހުން ޤާއިމުވެގެންދެއެވެ. ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތިބި އިންޑިއާގެ ޓެކްނިކަލް ސިފައިން ރާއްޖެއިން ބޭރުކޮށްލުމަށް ގޮވާލައި އެކަމަށް ވަކާލާތުކޮށް، މި ޕާޓްނަރޝިޕް ބަލައިނުގަތުމަކީ ސަލާމަތީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެކެވެ.ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އިންޑިޔާއިން ދޭ އަހަންމިއްޔަތަކީ، ކުރިމަތިވެދާނެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމުގައި އެންމެ މުހިންމު ކަންކަމެވެ. މި ޕާޓްނަރޝިޕްގެ ޖިއޮޕޮލިޓިކަލް، އިޤްތިޞާދީ އަދި ސްޓްރެޓެޖިކް ޑައިމެންޝަންތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމާއި، އިޤްތިޞާދީ ތަނަވަސްކަމާއި، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް އެހީތެރިވެދެއެވެ. ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އަމާން މާހައުލެއް ޤާއިމުކުރުމަށްޓަކައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުރުކޮށް ބުނާނަމަ "އިންޑިއާ އައުޓް" ސްލޯގަން ދޫކޮށްލަން އެބަޖެހެ އެވެ. އެއީ؛ މަރުޙޫމް ޞަލާހުއްދީން ލިޔުއްވާފައިވާފަދައިން ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ ޞުލްޙަކުރުމަށް ހަދާ ދޮގު ވެސް ބައެއް ހާލަތުގައި މާ ރަނގަޅެވެ.