ދީން
ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ފަރުދީ ޒިންމާއެއް: ހުތުބާ
ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ އުއްމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއް ކަމުގައި ހުތުބަގައި ބުނެފި އެވެ.

"ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން،" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތް ﷲ އަޅުއްވާފައިވާ ޒިންމާއެއް ކަމަށެވެ.

އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށާއި އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަކީ ބިމުގައި ބާރުވެރިކަމާއި ނަޞްރު ދެއްވުމުގެ ސަބަބު ކަމަށެވެ. އަދި، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި ދީނީ ކަންކަމާ ބެހޭ އިލްމު އާންމު ކުރުމާއި އިސްލާމީ ޝިއާރުތައް ނެގެހެއްޓުން ކަމަށެވެ.

"...މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރިންގެ ސަލާމަތަށްޓަކާ ކުރެވޭ މަސައްކަތެކެވެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، މުޖުތަމައު އަމާން މުޖުތަމައަކަށް ހެދޭނީ، މައިންބަފައިން އެ މީހުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތި ކުރުމުގެ ޒިންމާ އުފުލައިގެން ކަމަށެވެ.

"...މުޖުތަމައުގައި އަމަން އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ އިޖުތިމާއީ ޒިންމާ ކޮންމެ ފަރުދަކު އަދާކޮށްގެން. ގައުމުގެ ދީނީ އިލްމުވެރިން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދިނުމުގެ ޒިންމާ އުފުލައިގެން. ސިޔާސީ ލީޑަރުންނާއި ކަމުވޮށިގެންވާ މީހުން، ގައުމުގެ ދީނީ މަސްލަހަތު އިސް ކުރުމުގައި ޒިންމާދާރު ވެގެން" ހުތުބާގައި ބުންޏެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ ޝަރަފުވެރި، އަބުރުވެރި، މުސްލިމު ގައުމަކަށް ވީހިނދު މިގައުމުގައި ފާޅުކުރެވެން ޖެހޭނީ މިގައުމުގެ އަހުލުވެރިން، ހިތުން ރުހުމުން ބަލައިގެންފައިވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތަކެވެ. އެއާ ހިލާފު އެއްވެސް ކަމަކަށް މި ފަސްގަނޑުން ކުޑަވެސް ޖާގައެއް ނުދިނުމަށް ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުުރން ފަރުދީ ޒިންމާ އަދާކޮށް މުޖުތަމައުގައި އަމަން އަމާންކަން ގާއިމުކުރުމަށް މަސައްކަތްކޮށް ސިޔާސީ ލީޑަރުންނާއި ކަމުވޮށިގެންވާ މީހުން ދީނީ މަސަލަހަތު އިސްކުރުމުގައި ޒިމްނާދާރުވާން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު