
މަޖިލީހުގެ ޤާވާޢިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުއްވި މި ބަދަލަކީ ޤާނޫނު އަސާސީގައި ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު(87 މެމްބަރުންގެ ތެރެއިން 58 މެމްބަރުން) ކަމަށްވާއިރު، އެމްޑީޕީން އިޞްލާޙް ހުށަހަޅައިގެން މިއުޅެނީ 54 މެމްބަރުން ވޯޓުދީގެން ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ރައީސް މަޤާމުން ޢަޒުލުކޮށްލުމަށެވެ.މި ދެންނެވި މާއްދާތަކަށް ބަދަލުގެނެސް ކޮމެޓީގެ މެމްބަރުން 11 އިން 7 އަށް ކުޑަކުރުމާއި، ހުރިހާ ޕާޓީތައް ކޮމިޓީގައި ހިމެނުމުގެ މަސްއޫލިއްޔަތު އުވާލުމަކީ މަޖިލީހުގެ މަސައްކަތްތައް އޮޅުވާލުމުގެ ސްޓްރެޓެޖީއެއްގެ ސާފު މަންޒަރެކެވެ. އަދި މިޤައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށް ކޮށޭނެ މަގެކެވެ.ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ޤާނޫނު އަސާސީއާއި ޚިލާފުކަމެއް ކަމަށާ ރައްޔިތުންގެ މަޖިލީހުގެ ޢަދަދު ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ކަނޑައެޅިފައިވާއިރު، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ޢަދަދަށް ރިޢާޔަތްކޮށް ނިންމާ ނިންމުމެއްގެ ޢަދަދު ޢާއްމު ކޮމެޓީން ނިންމާ ޢަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.“މީގެސަބަބުން މަދު ބައެއްގެ އަތްމައްޗަށް ބާރުތައް ފުރޮޅިގެންދާނެ. މަޖިލިސްތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ފުރުޞަތު އޮންނާނެ. އެކަހަލަ ހަރުކަށި އެޖެންޑާއެއް މަޖިލިސްތެރޭގައި ޤާއިމްވެ، ރައްޔިތުންގެ އަޑު ކެނޑިގެން ދާނެ. މިކަމާއި ކަންބޮޑުވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ މިހާ ކުރީކޮޅު މިބަދަ ލު ގެންނަން އުޅުމުގެވަރަށް ނުބައި އެޖެންޑާއެއް އެބައޮތޭ. މިއުޅެނީ ސީދާ ބަޣާވާތަކަށް އިނގޭ. މަޖިލިސް ތެރެއިން ބަޣާވާތަކަށް މިއުޅެނީ.. މިހެންވެއްޖެނަމަ ރައްޔިތުން ނުކުމެ ޤައުމަށް ހަލަބޮލިކަން ގެންނާނެ. ރައްޔިތުން މަޑުން ނުތިބޭނެ.“ މިކަމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަޙް ދިރާސާކުރާ މީހަކު ނަން ނުޖަހަން ޝަރުޠުކޮށް މިނޫހަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.“އަޅުގަނޑުމެންގެ އަޑު އިވޭނީ، ހަމަހިމޭންކަމުގެ ތެރެއިންނެއް ނޫން، ޢަދުލުއިންޞާފާއި ދުސްތޫރީ މިންގަނޑުތަކަށް ބޯލެނބުމަށް ގޮވާލާ އަޑުގެ ތެރެއިން. އެއްބައިވަންތަކަމުގެ ގޮތުން، ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ހިތްވަރު ދޭންޖެހޭ. ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި މިކަން މިކުރަނީ ނުބައި ނިޔަތެއްގައި. މިކަމާ ދެކޮޅަށް ތެދުވަން އެބަޖެހޭ ތެދުވަން އިނގޭތޯ..” އޭނާ އިތުރަށް ވިދާޅުވި އެވެ.މި އިސްލާހާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކުން ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މޮޅުވުމަކީ ދަނޑުމަތީގައި މޮޅުވުން ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. މީގެއިތުރުން އާޒިމާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 2/3 އަޣުލަބިއްޔަތުން އެކަނި ކަމަށްވެސް ވިދާޅުވެފަ އެވެ.ތެދެކެވެ. މިއީ އަޅުގަނޑުމެންގެ ބަރުލަމާނީ ނިޒާމުގެ ނަޒާހަތްތެރިކަން ހިމާޔަތްކޮށް، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ޤައުމުގެ މައިގަނޑު އަސާސްގެ ގޮތުގައި އޮތް ދުސްތޫރީ މާއްދާތައް ދިފާޢުކުރަންވީ ވަގުތެވެ. ޑިމޮކްރަސީއަށް ގޮވާލާ އެއްވުން މަގުމަތީގައި ގުގުމާލާ، ރައްޔިތުންގެ އިޚްތިޔާރު ކަނޑުވާނުލެވޭނެކަން، ނުވަތަ ފުނޑުފުނޑުކޮށްނުލެވޭނެކަން ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މަޖިލީހުގެ މެމްބަރުންނަށް ހަނދާންކޮށްދިނުމަކީ ރައްޔިތުންނަށް ލިބިދޭ ޙައްގެކެވެ. ސަބަބަކީ މަޖިލިސްގެ އައު އިންތިޚާބަކަށް ބޯމަތިވެފައި އޮތް ދަނޑިވަޅެއްގައި، އަދި ޚާއްޞަކޮށް އައު ސަރުކާރުގެ ވުޒާރާތަކަށް މީހުން އައްޔަންކޮށް ނުނިމެނީސް މިފަދަ ކަމެއް ކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅުމަކީ އޭގައި ނުބައި ނިޔަތެއް އޮތްކަމަށް ވިސްނުމުފެ ފުރުސަތު އޮތީމައެވެ.އަޅުގަނޑުމެންގެ ޑިމޮކްރެޓިކް ހަމަތަކަށް ކުރިމަތިވެދާނެ މި ޙަމަލާއާ ކުރިމަތިލާއިރު، އަޅުގަނޑުމެން އެއްބައިވަންތަވެ، ޞުލްޙަވެރިކަމާއެކު އިހުތިޖާޖުކޮށް، އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުމަށް މަގުދައްކައިދިން އުޞޫލުތައް ދަމަހައްޓަންޖެހެ އެވެ. ޑިމޮކްރަސީއެއްގެ ޙަޤީޤީ ބާރަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ޙަރަކާތްތެރި ބައިވެރިވުމެވެ. ރައްޔިތުން ތިބެންވާނީ ޑިމޮކްރަސީގެ ދިފާޢުގައެވެ. އެކަމަށް އުނިކަން އައިސްގެން ނުވާނެ އެވެ.