
ދައުލަތުގެ ވެރިޔާ ވެރިކަމުން ދުރުކުރުމުގެ މަސައްކަތްތައް ޖަމާކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ސަމާލުކަން އަމާޒުކުރަންޖެހޭނީ، މަޖިލިސް މެމްބަރުންނަށް ޖަވާބުދާރީވުމުގެ ނިޒާމުތައް އަލުން ވަޒަންކުރުމަށެވެ. މިކަމުގައި އޮތް އުއްމީދީ އެއް ހައްލަކީ، މެމްބަރުންގެ ނަސީބު ސީދާ އެމީހުން ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެ އަތްމައްޗަށް ޖައްސައި، އިންތިޚާބުވެފައިވާ ރައްޔިތުންގެ މަންދޫބުން / ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރުމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް ސީދާ ގޮތުން ފޯރުކޮށްދިނުމެވެ.ހަރުދަނާ ޑިމޮކްރަސީއެއްގެ ބިންގަލަކީ މަޖިލިސް މެންބަރުން ވަކިކުރުމުގެ މަސައްކަތް އެމީހުން އިންތިޚާބުކުރާ ރައްޔިތުން ދިނުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ މިސާލުތަކުން މި އުސޫލުގެ ފައިދާހުރިކަން ހާމަވެގެންދެ އެވެ.މިސާލަކަށް؛ އެމެރިކާގެ ކެލިފޯނިއާގައި ރައްޔިތުން އިންތިޚާބުކުރި ގަވަރުނަރު ގްރޭ ޑޭވިސް އަށް އާމެދު އިތުބާރުގެ މައްސަލަޖެހި އޭނާ އިންތިޚާބުކުރި ރައްޔިތުންގެ މެދުގައި އޭނާގެ މައްޗަށް އިތުބާރު ގެއްލުމުން 2003 ވަނަ އަހަރު ގްރޭ ޑޭވިސް އޭނާގެ ގޮނޑިން ބޭރުކުރެވުނެވެ. އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ރައްޔިތުންނަށް އިންތިޚާބުވެފައިވާ އޮފިޝަލުން އަނބުރާ ގެނައުމުގެ ނިޒާމެއް ގާއިމްކޮށްފައިވާއިރު، އޭގެ ތެރޭގައި އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. ރިކޯލް އިންތިހާބެއްގައި ވޯޓުލާ މީހުން ނިންމަނީ ދައުރު ނިމުމުގެ ކުރިން ގޮނޑީގައި އިންނަ އިތުބާރު ނެތްމީހާ މަޤާމުން ވަކިކުރުމަށެވެ