
ރައީސްގެ ވާހަކަފުޅަށް ފަހު އަތްޕުޅުން ބަޓަނަކަށް އޮއްބާލައްވައި، އެމަނިކުފާނުގެ ހުވަފެނީ އަދި މި ސަރުކާރާއި ރާއްޖޭގެ ތާރީހުގެ ވެސް ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު އިފްތިތާހުކޮށްދެއްވި އެވެ. އެއާ އެކު ތަންކޮޅެއް ދުރުގައި އޮތް ޑްރެޖަރުގެ ދިގު ޕައިޕުން ފުށިދިއްގަރު ފަޅަށް ވެލި އަޅައި، ބިޔަ އަދި އާ ސަހަރެއް އުފަންކުރުވުމުގެ ބޮޑު މަސައްކަތް ފެށި އެވެ. ކެމެރާމަނުންގެ ލެންސްތަކާއި ސަރުކާރުގެ ވެރިންނާއި ނޫސްވެރިންގެ ކުރިމަތިން ރައީސް މުއިއްޒު، ރަތް ދޫލައެއްގެ މަތިން ބާޖަށް އަރާވަޑައިގެން ގައުމާ މުހާތަބުކުރައްވައި، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެ މަނިކުފާނުގެ ވިސްނުންފުޅުގައި އޮތް ދާއިމީ ހައްލު އިއުލާން ކުރެއްވި އެވެ."މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑުބިން، އެންމެ ރަސް، ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސް މާލެ،" ރައީސް އިއުލާން ކުރެއްވި އެވެ.މި ބޮޑު މަސައްކަތުގެ މަޤްޞަދަކީ، އީކޯ ފްރެންޑްލީ އާބަން ޑިވެލޮޕްމަންޓަށް އާ މިންގަނޑުތަކެއް ކަނޑައެޅުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް، ރައްޔިތުންނަށް ފުރުޞަތުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި 1،280 ހެކްޓަރުގެ ބިމެއްގައި ދިވެހީންގެ ޒަމާނީ އާބާދީއެއް އުފެއްދުމެވެ. ރައީސްގެ ވިސްނުންފުޅާއި ފަރުވާތެރި ޕްލޭނިންގ އާއި ތިމާވެށީގެ ހޭލުންތެރިކަމުން އުފަންވި ދިވެހީންގެ ރާއްޖޭގެ އީކޯ ސިޓީން އާބަން ލިވިންގ އަލުން މާނަކުރަން ތައްޔާރުވެއްޖެ އެވެ. އަވަސް ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ޙައްލު ހޯދައިދިނުމުގެ އިތުރުން، މި މަޝްރޫޢުގައި ތަޞައްވުރުކޮށްފައިވަނީ ޒަމާނީ ފަސޭހަތަކާއި ދެމެހެއްޓެނިވި އުޞޫލުތަކުގެ އެއްބައިވަންތަކަމެވެ. މި މަސައްކަތަކީ ތިމާވެށި ހިމާޔަތްކުރުމަށް ދިބެހީންގެ ރައީސް ޑރ. މުޢިއްޒު ކުރާ މަސައްކަތްޕުޅާއު އެއްގޮތަށް، ފެހި މުސްތަޤުބަލަކަށް ސަރުކާރުން ކުރާ ޚިދުމަތްތެރިކަން ދައްކުވައިދޭ މަސައްކަތެކެވެ."މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ" ރައީސް ވިދާޅުވި އެވެ.ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރު ފަޅު، ގުޅުވާލައި ނިމުމުން މިތަންތަން ވެގެންދާނީ، މާލޭ ސަރަޙައްދުގެ ގެދޮރުގެ މައްސަލައަށް ބޮޑު ޙައްލެއް ގެނެސްދޭ ތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.ރަސްމާލެ ވާނީ ދިވެހިންނަށް ދަތިވެފައި އޮތް ގެދޮރުގެ "ޓޯޓަލް ސޮލިއުޝަން" ލިބޭ ފުރިހަމަ މަންޒިލަކަށެވެ. ވަޒީފާގެ މަންޒިލަކަށް، ވިޔަފާރިއާއި އާމްދަނީގެ ފުރުސަތުތައް ލިބޭ އިންކްލޫސިވް ޑިވެލޮޕްމަންޓަކަށެވެ. ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭނެ ނޭވާ ހައްޓަށް ފެތޭނެ ރަށަކަށެވެ.