ޚަބަރު
ސުމަޓްރާއަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މިއަދު ބިންހެލުން އައި ސަރަހައްދު
‏މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން / ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ 5.6 ގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައި ވަނީ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ސުނާމީއެއްގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.

"މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި 5.6 ގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން/ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ،" މެޓް އޮފީހުން ބުނެފައިވެ އެވެ.

މެޓް އޮފީހުން އެހެން ބުންޏަސް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ 6.6 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށެވެ.

އޭގެ ސަބަބުން ލަންކާ އަށް އަސަރު ނުކުރި ނަމަވެސް އެ ގައުމުން ވަނީ ވައިޓް އެލާޓެއް ނެރެ، ރައްކާތެރިވެ ތިބުމަށް އަންގައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ދެކުނުން 900 އެއްހާ ކިލޯ މީޓަރުގެ ދުރުން ހަތަރު ބިން ހެލުމެއް ވަނީ އައިސްފައެވެ.

އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ހެލުމެކެވެ.  

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މެޓު އޮފީހުން ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ. އިއްޔެ މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. އަދި، މިދިޔަ އާދީއްތަ ދުވަހު އިރުވައި މޫސުން ފެށުމާ ގުޅިގެން އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު