ޚަބަރު
އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް
މި އަހަރު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރައިފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 11:00 ގައި ހުޅުލޭގެ ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގަ އެވެ.

ހަނިމާދޫގައި ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގަ އެވެ.

ކައްދޫގައި ހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ. ކާޑެއްދޫގައި ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސްގަ އެވެ.

އައްޑޫސިޓީ ގަމުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގަ އެވެ. 

މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

• ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑު ވަގުތުތަކުގައި އެކަން ކުރުން.

• އަވީގައި އުޅޭ ވަރު މަދުކުރުން.

• ކަރު ހިއްކާ ނަމަ ގިނައިން ފެން ބުއިން.

• ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން.

• ބޭރަށް ނުކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުމާއި ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި އަދި ގަޔަށް ދޫހެދުން ލުން.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު