ޚަބަރު
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް: މެޓް
މާލޭގެ ފެންބޮޑުވި ސަރަހައްދުތައް އާއްމު ހާލަތަކަށް ގެނެސްފައި - ފޮޓޯ: އެމްއެންޑީއެފް
އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އިއްޔެގެ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަަބަބުން ބައެއް މަގުތަކުގައި ފެން ބޮޑުވިއެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެ، މުދަލަށް ވެސް ވަނީ ގެއްލުންވެފައެވެ.

މެޓު އޮފީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، އެންމެ ގިނައިން ވާރޭވެހުނީ މާލެއަށެވެ. އެއީ، 159.3 މިލިމީޓަރުގެ ވާރެއެވެ.

ވިއްސާރައިގެ ސަބަބުން އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރޭ ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ، އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރެއާ ހަމައަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި ފެންވަނުން ކުޑަކުރުމަށް 91 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެ އަދި ހުޅުލެއަށެވެ. ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް ވެހިފައިވަނީ 105.4 މިލިމީޓަރުގެ ވާރޭއެވެ.

މެޓު އޮފީހުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން ކ. ކާށިދޫއަށް ވެސް 68.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި، އއ. ތޮއްޑޫއާއި އއ. މާމިގިއްޔަށް 62.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް ވެސް ވަނީ 54.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ވިއްސާރަ ދުވަސްތަކަކަށް ފަހު ކުޑަކޮށް މޫސުން ރަނގަޅު ވެލާފައި އަނެއްކާ ވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އިއްޔެ މާލޭގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނަތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ސިފައިން ވިދާޅުވި އެވެ.

މާލޭގެ 8 ސަރަހައްދެއްގައި އެމްއެންޑީއެފުން ވަނީ 23 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ. 

އިއްޔެ ވެހުނު ވާރޭގައި ގެއްލުންވެގެން ރިޕޯޓުކުރި ބައެއް ރަށްރަށުގެ ތެރޭގައި، މާލޭގެ އިތުރުން ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 70 ގެއެއްގައި ފެންބޮޑުވި ކަމަށް މީގެ ކުރިން ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު