
އެކަން ހާމަކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ބްލޮގްގައި ވިދާޅުވީ، އެ އޮފީހުން މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން ކަމަށެވެ. އަދި އަނިޔާލިބޭ މީހުންނަށް ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ގާއިމުކުރުން ކަަމަށްވެސް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު، ފެމިލީ ކޯޓުން އެމައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ދައްކަންޖެހޭ މައްސަލައެއް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހުށަހެޅި ކަމަށެވެ."ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމުގެ މުހިންމު ކަމެއް ކަމަށް ހުރިހާ އިދާރާތަކަށް ވެސް ފެނުނު،" ޝަމީމް ވިދާޅުވި އެވެ.އޭގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރު ނެރެދިނުމަށް ހުށަހަޅާ ފޯމާއެކު، ހުރިހާ ލިޔުމެއް ހުށަހެޅުމަކީ ވެސް، ރައްކާތެރިކަމުގެ އަމުރަކަށް އެދި ހުށަހަޅާ މީހަކަށް ނުވެދާނެ ކަމެއް ކަމަށާއި، އެ ހުރިހާ ލިޔުމެއް ނެތި ކުރިން ފޯމު ބަލައި ނުގަތަސް އެކަން ވެސް ބަދަލުކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.އަނިޔާ ލިބޭ މީހާއަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ."އަނިޔާލިބޭ މީހާ، ރައްކާތެރި ތަނަކަށް ދެވުމުން، އޮންލައިން ފޯމު ފުރާލުމަށް ފަހު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފޮނުވާލުމުން، އޭނާ އެދޭ ކޯޓެއްގެ އީމެއިލަކަށް އަޅުގަނޑުމެން އެ ފޯމު ފޮނުވައި ދިނުމުގެ ހިދުމަތް ފޯރުކޮށްދޭނަމެވެ. އޭރުން، އަނިޔާލިބޭމީހާ އެ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން އެއްކޮށް ނިމުމަކަށް އަންނާނެއެވެ. އަމުރު ހޯދުމަށް އެދުމުގެ ކަންކަން އިންތިހާއަށް ފަސޭހަކޮށްދެވޭނެއެވެ،" ޝަމީމް ލިއުއްވާފައިވެ އެވެ."އަޅުގަނޑުމެން މިކުރާ މަސައްކަތުން، އަނިޔާލިބޭ ހަމަ އެންމެ އިންސާނަކަށް ވެސް ފަސޭހަތަކެއް ލިބި، ޤާނޫނުގެ ރައްކާތެރިކަން ލިބިއްޖެ ނަމަ، މިކުރާ މަސައްކަތުގެ އަގު ލިބުނީކަމަށް އަޅުގަނޑު ދެކެމެވެ."