ޚަބަރު
ބޭސްފަރުވާއަށް މީހުން މާލެ ގެނައުމަށް ރައީސް ހުއްދަދެއްވަން ނުޖެހޭ: ޣައްސާން
ސިއްހީ ކުއްލި ހާލަތްތަކުގައި ޑޯނިއާ ބޭނުން ނުކުރަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބުނެ އަމާޒު ކުރަމުންދާ ފާޑު ކިޔުންތަކަށް ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫން ރައްދު ދެއްވައިފި އެވެ.

ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އާއިލާއިން ބުނި 13 އަހަރުގެ ކުއްޖަކު، އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުން ވަނީ، ކުއްޖާ މާލެ ގެނައުން ލަސްވީ، އިންޑިއާއިން ސިއްހީ ކުއްލި ހާލަތުގައި އެހީ ފޯރުކޮށްދިނުމަށް ދީފައިވާ އުޅަނދުތައް ބޭނުންކުރަން ދެކޮޅު ހެދުމުން ކަމަށް ތުހުމަތުކޮށްފައެވެ.

ޣައްސާން ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް މީހުން ފަރުވާ ލިބޭ ތަންތަނަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ލިޔެވިފައިހުރި ސްޓޭންޑާޑް އޮޕްރޭޝަން ޕްރޮސީޖާ (އެސްއޯޕީ)ތަކުގައި އެކަމަށް ރައީސްގެ ހުއްދައެއް ހޯދަން ނުވަތަ ރައީސަށް އަންގަން ނޯވެއެވެ. އޮންނަނީ އެކަމާ ގުޅޭ އިދާރާތައް ގުޅިގެން އެކަން ކުރުމެވެ. 

"2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އެވަކުއޭޝަންތަކުގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ޣައްސާން ލިޔުއްވާފައިވެ އެވެ.

މިއަދު ނިޔާވި ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާކުރިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކުއްޖާ މާލެ ގެނެސްފައިވާއިރު، އައިޖީއެމްއެޗްއިން މިއަދު ބުނި ގޮތުގައި، އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ، ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވަނީ މި މައްސަލައާ އިންޑިއާ އައުޓް ހަރަކާތާ ގުޅުވައި ވާހަކަދައްކަވައިފައެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު