ޚަބަރު
އަންހެނުންގެ ދުވަހަށްފަހު ރައީސް މުއިއްޒު ދޮގުހެދުން ހުއްޓާލުމަށް ޝާހިދު ގޮވާލައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
މިއަދު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަދަށްފަހު ދޮގު ހެދުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްޓާލެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ. 

އެމްޑީޕީން ގދ. ތިނަދޫގައި މަޖިލިސް ކެމްޕޭނު ފެށި ޖަލްސާގައި ޝާހިދު ވިދާޅުވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދުން ފެށިގެން ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށާއި، އަދި ހުރިހާ ކަނބަލުންނަށް ދެން އިތުރަށް ދޮގު ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑު ރައީސް މުއިއްޒުއަށް ދަންނަވާލަން އޮތީ ހުއްޓާލައްވާށޭ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ކަނބަލުން ކުރިމަތީގައި ވިދާޅުވެދެއްވަންވީ މީގެ ފަހުން ތިމަންނާ ދެން ދޮގެއް ނަހައްދަވާނަމޭ" ޝާހިދު ވިދާޅުވި އެވެ. 

އެމްޑީޕީއަކީ އަންހެނުން ބާރުވެރި ކުރުވުމަށް އެންމެ ބުރަ މަސައްކަތް ކުރަމުން އަންނަ ޕާޓީކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީގެ ތާރީހަށް ބަލާލުމުންވެސް އެކަން އެނގޭ ކަމަށާއި، މިދިޔަ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް އަންހެނުންގެ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. 

މީގެއިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކާއިރަށް ނުވަތަ ރައީސް މުއިއްޒުގެ ވާހަކަ ދައްކާއިރަށް ރައްޔިތުންގެ ދުލު ކުރިޔަށް އަންނަނީ ދޮގު ދޮލަނގު ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރުވެސް ނުކުރައްވާ ކަމަށެވެ. 

"ފިތުނަ އުފައްދައިގެން ވެރިކަމަށް އައި ސަރުކާރު މިއަދު މިއޮތީ. ފިތުނައަކުން ހެވެއް ނުނިކުންނާނެ. ދޮގަކުން ހެވެއް ނުލިބޭނެ. ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ. އެ ހަގީގަތާ ރައީސް މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެ އޮތީ" ޝާހިދު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކުން ސަލާމަތްވުމަށް އިތުރަށް 10 ދޮގު ހައްދަވަމުން ގެންދަވާކަމީ މިއަދު ހަގީގަތް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު