ޚަބަރު
އީއައިއޭއާ ހިލާފަށް ހިންނަވަރު މަގު ހެދުމުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި
ހިންނަވަރު ބަނދަރު އެއްގަމުތޮށި ލުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާފައިވާ އީއައިއޭ ރިޕޯޓާ ހިލާފަށް ޅ. ހިންނަވަރު މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔަ މައްސަލާގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އީއައިއޭގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން، އީޕީއޭ އިން ވަނީ އެކަން ބަލައިފައި ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުން އީއައިއޭ ކޮންސެޕެޓުގައި ހިމެނިފައިނުވާ މަގުތަކެއް ހެދިކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން، ޅ. ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އީއައިއޭއާ ހިލާފަށް، އީއައިއޭގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން އެ މަސައްކަތުގެ އެދިޔާރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ކަމުގައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު(ޖ)ގެ ދަށުން 200،000 ރުފިޔާއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކް ވަނީ 12 މާޗު 2024 ގައި ޖޫރިމާނާކޮށްފަ،" އީޕީއޭ އިން ބުންޏެވެ.

އެ ޖޫރިމާނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީއައިއޭއާ ހިލާފުވުމުން މީގެ ކުރިން ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ ޖޫރިމާނާކޮށްފަ އެވެ.

ހިންނަވަރު މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 2022 ވަނަ އަހަރު ތެރޭގަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް މަޑުޖެހިފައި ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު އަނެއްކާވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލުން ފެށި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު