ޚަބަރު
އީޕީއޭ ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް ނެތް: ތޯރިގު
އެންވަޔަރަމެންޓު މިނިސްޓަރު ތޯރިިގު: ވިދާޅުވީ ގާނޫނީ ގޮތުން އީޕީއޭ މިނިވަން ކުރުމުގެ ވިސްނުން ނެތް ކަމަށް
އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަންކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ހިއްކުން ހުއްޓާލުމަށް ދަށު ކޯޓުން ކުރި އަމުރު ސުޕްރީމު ކޯޓުން ބާތިލު ކުރި އަޑުއެހުމުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ އީޕީއޭ އަކީ ގާނޫނީ ގޮތުން ބާރުވެރި އަދި މިނިވަންތަނަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،" މިފަދައިންނެވެ.

ނަމަވެސް, އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ އީޕީއޭއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އެ އިދާރާ ބާރުވެރިކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

2008 ވަނަ އަހަރު އީޕީއޭ އުފެއްދީ ރައީސްގެ ގަރާރަކުންނެވެ. އެ އެޖެންސީ އަކީ އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިފައިވާ އެޖެންސީއަކަށް ވިޔަސް، އަމިއްލަ ހައިސިއްތު ލިބިގެން، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިޔުލޭޓަރީ އިދާރާއެކެވެ.

ރާއްޖޭގެ ތިމާވެށީގެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ އެ އިދާރާއިންނެވެ. ނަމަވެސް، އީޕީއޭ އިން ނިންމާ ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ނިންމުން ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ. ތިމާވެށީގެ މުހިއްމު ނިންމުންތަށް "ސިޔާސީ"ވެ އީޕީއޭގެ މިނިވަންކަން ގެއްލޭ ހިސާބަކީ މިއީ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު