ޚަބަރު
މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ރަނގަޅު ކުރަން: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު
މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތައް ގެންނަވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" ނޫހުން ސުވާލު ކުރުމުން ހީނާ ވިދާޅުވީ އެ ސުވާލަށް މި ވަގުތު އޮތް ޖަވާބަކީ އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ކުރައްވާ ކަމެއް ކަމަށެވެ.

"ސަރުކާރު ހިންގަން ފަސޭހަފުޅު ކުރުމަށް ޓަކައި، ނުވަތަ އިތުރަށް ހަރުދަނާ ކުރަން، ރަނގަޅު ކުރަން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ބަދަލުތައް ގެންނަމުން ދާނެ،" ހީނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ފުރަތަމަ މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ޝަމާހު ވަނީ ވަކިކޮށްފަ އެވެ. ޝަމާހު މިހާރު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ފަހުން އަންގާރަ ދުވަހުގެ ރޭ އިރުއޮއްސެނިކޮށް އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން، މަޝްހޫރު ވިޔަފާރިވެރިޔާ / ރައީސް މުއިއްޒުގެ އިންވެސްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން ޖަނާ އިސްތިއުފާ ދެއްވި އެވެ. ނޫރައިންގެ އިސްތިއުފާއާއެކު އިއްޔެ އޮތީ ސަރުކާރުގެ ބައެއް މަގާމުތަކުން ބޭފުޅުން ވަކި ކުރެއްވުމެވެ.

އޭގެ އިރުކޮޅެއް ފަހުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިކްރެޓަރު ކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކުރި އެވެ.

ރޭގެ ވަގުތެއްގައި، އެޗްޑީސީގެ ޗެއާޕާސަން ކަމުން އަހުމަދު ޒުހޫރު ވަނީ ވަކިކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ސަރުކާރަށް ގެންނަ ބަދަލުތަކާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް ސަރުކާރުގެ ކޮންމެކޮންމެ ބޭފުޅަކަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ، ސިޔާސީ މަގާމުތަކަކީ އަދި މިނިސްޓަރުކަމާއި ކުންފުނީތަކުގެ އިސްވެރިންނަކީ ވެސް ރައީސް އައްޔަންކުރައްވާ ބޭފުޅުން ވީމައެވެ. އެ ނިންމެވުންތައް ނިންމަވަނީ ރައީސެވެ. 

މަޖިލީސް އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗު ގައި އޭޕްރީލް 22 ވަނަ ދުވަަހުގެ ރޭ އޮތް ބައްދަލު ވުމުގައި ރައީސް ވިދާޅުވީ މިފަދައިންނެވެ.

"ދެން އޮތީ މަސައްކަތް ކުުރުން. މަސައްކަތުގެ ދުވެލި އަވަސް ކުރުން. ވޭތުވެ ގެން މިދިޔަ ފަސް މަސްދުވަހު ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް ކަންކަމުގައި ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިކުރެއްވި އިތުބާރާއި ދެއްވި ތާއީދުގެ މައްޗަށް މި ފަސް މަހު ކުރެވުނު މަސައްކަތަށް ވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދިނުމުގެ މަސައްކަތް،"

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު