ދުނިޔެ
މޯދީ ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވައިފި
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކުރެއްވިޖެކަން އިއުލާނުކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން އެކުލަވައިލައްވާނެކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނުކުރައްވައިފި އެވެ. 

މިހާތަނަށް ވޯޓުގެ 95 ޕަސެންޓް ގުނާފައި ވާއިރު ބީޖޭޕީގެ ވޯޓުގެ ނިސްބަތަކީ 36.9 ޕަސެންޓެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ބޮޑުވަޒީރު މޯދީއަށް އޭނާގެ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ. އެކަމަކު އެންމެ ފަހުން އޭނާ ކާމިޔާބުކުރެއްވި އިރު ބައި މިލިއަން ވޯޓުގެ ފަރަގު ހުއްޓެވެ.

އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއާ އެކުގަ އެވެ. ސީދާ ބީޖޭޕީއަށް ކުރި ލިބެނީ 240 ދާއިރާއަކުންނެވެ. ކުރިން އެ ޕާޓީއަށް އެކަނި 303 ދާއިރާ އޮތެވެ.

އެ ނަތީޖާއާއެކު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުފާ ފާޅުކުރައްވައި، ރައްޔިތުން އެންޑީއޭއަށް އިތުރު ދައުރެއް ދިނުމުން، ސަރުކާރަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށް ވިދާޅުވެ، މޯދީ ވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް މޯދީ ހޮވިވަޑައިގެންނެވި ނަމަވެސް މިފަހަރު ގާއިމުވާ މޯދީގެ ސަރުކާރަކީ ކުރީގެ މޯދީ ސަރުކާރުތަކަށްވުރެ ބަލިކަށި ސަރުކާރަކަށްވާނެއެވެ. އަދި ބީޖޭޕީ ފިޔަވައި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ކަންކަމަށް ޑިމާންޑުކުރުމަށް އޮތް ޖާގަ މިނަތީޖާގެ ސަބަބުން ފުޅާވާނެއެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު